އެއަށްޓެހި އަކީ ވެނުގެ ސިފައިގައި ހުންނަ މަހެކެވެ. މިމަސް އާންމުކޮށް އުޅެނީ ވަރަށް ބޯކޮށް އައިން ހަދައިގެން ފަޅުގެ ތިލަ ހިސާބުގައެވެ. މިގޮތަށް އައިން ހަދައިގެން ދަތުރުކުރާއިރު މަސްތައް އުޅެނީ ގާތްގޯޅިކަމާއެކު ޖެހިފިތިގެން ގާތްގާތުގައެވެ. މިމަސް ގިނައިން ކައިއުޅެނީ މަހާއި ކުދި ކަކުނި އަދި ޑިނގާ ފާނޑުގެ އެއްޗިއްސާއި ބޮލީގެ ވައްތަރު ތަކެވެ. މިމަސް އެންމެ ބޮޑުވަނީ 32 ސމ އަށެވެ.

މަހުގެ ބުރަކަށިމަތީ ފުރަތަމަ ކޮތަރިބައިގެ ފުރަތަމަ ކައްޓާއި ކަންފަތް ގަނޑުގައި ހުންނަ ހަރުކައްޓަކީ ވަރަށް ވިހަގަދަ ކައްޓެކެވެ. ވީމާ މިމަސް ހިފާ ގެންގުޅޭއިރު މިކަމަށް ވިސްނައިގެން އުޅުމަކީ ކޮންމެހެން ބޭނުން ކަމެކެވެ. ނަމަވެސް މިއީ އާންމުގޮތެއްގައި ދިވެހިން ހިފައިއުޅޭ މަހެއްނޫނެވެ. އަދި ދިވެހިން ކައިއުޅޭ މަހެއްވެސް ނޫނެވެ.

މަހުގެ ތުނބުގައި 4 ޖޯޑް ނަރުވާ ހުރެއެވެ. މަހުގެ މަތީ ކޮތަރިބައިގެ ފުރަތަމަ ކަށި ހުންނަނީ ކޮޅަށް ވަރަށް ތޫނުކޮށެވެ. މަހުގެ މަތީ ދެވަނަ ކޮތަރިބަޔާއި ނިގޫފަތް އަދި ބަނޑުދަށް ފަރާތު ކޮތަރިބައި ހުންނަނީ ގުޅި އެއް ކޮތަރިބައެއްގެ ގޮތުގައެވެ. މަހުގެ މަތީބައިގެ ކުލައަކީ މުށިކުލައެވެ. ބަނޑުދަށް ފަރާތުގެ ކުލައަކީ ހުދުކުލަ އެވެ. މަހުގެ ދެފަރާތުގައި ހުދުކުލައިގެ ފުޅާ ތިން ރޮނގު ހުރެއެވެ.