އިބްރާހީމް ރަޝީދު (ކަރަންކާ އިބްރާހީމް ރަޝީދު) އަކީ އައްޝައިޚް މަލިމް މަނިއްޕުޅުގެ މުޙައްމަދު ދީދީ ދަރިކަލެކެވެ. މަންމަ އަކީ އައްނަބީލާ އާމިނަތު ޢަބުދުﷲ ދީދީ ގޮމާގެ އާމިނާ ދީދީ ނުވަތަ ނޫމަރާ ގަނޑުވަރު ގޮމާގެ އާމިނާ ދީދީ އެވެ. ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 21 މާރޗް 1928ގައެވެ. އިބްރާހީމް ރަޝީދު ތަޢުލީމް ޙާޞިލްކުރެއްވީ މަޖީދިއްޔާ ސްކޫލުންނެވެ. އަދި ސިލޯނުގައި ހުންނަވައިގެންވެސް މަޢުލޫމާތު ޙާޞިލް ކުރެއްވިއެވެ. ޒުވާން ދުވަސްވަރު ހަރަކާތްތެރި ނުފޫޒުގަދަ ބޭފުޅެކެވެ. އަލްފާޟިލް އިބްރާހީމް ރަޝީދު އަކީ ފާހަގަކޮށްލެވޭފަދަ ޚިދުމަތްތަކެއް ސަރުކާރަށް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. ދެކުނު 3 އަތޮޅު ސަރުކާރުން ވަކިވެ ވަކި ދައުލަތެއް ހެދުމުން މިކަން ހަމަޖެއްސުމަށްޓަކައި އޭރުގެ ވަޒީރުލް އަޢުޒަމް އިބްރާހީމް ނާޞިރުގެ ލަފާފުޅުގެ މަތީން މަސައްކަތްކުރެއްވި މުރާލި ހީވާގި ބޭފުޅެކެވެ. މިމައްސަލަ ޙައްލުކުރުމަށް އައްޑު އަތޮޅަށް ފޮނުވި ވަފުދުގައިވެސް އިބްރާހީމް ރަޝީދު ހިމެނިވަޑައިގަތެވެ. މިވަފުދު އައްޑުއަށް ވަޑައިގެން ޢަބުދުﷲ އަފީފް އާއި މަޝްވަރާކުރެއްވައިގެން ވެސް ޙައްލެއް ނުލިބުމުން އެނބުރި މާލެއައީ އެވެ. މިމައްސަލައާއި ގުޅިގެން އެންމެ ފަހުން ރައްޔިތުންގެ މަޖުލީހުގެ ށ.އަތޮޅުގެ މެންބަރަކަށްވެ ހުންނަވައިގެން އިބްރާހީމް ނާޞިރުގެ އެންގެވުމަށް އިބްރާހީމް ނާޞިރުގެ ބަދަލުގައި 22 މުޙައްރަމް 1381 މިރޭ އައްޑޫގެ މައްސަލަ ރައްޔިތުންގެ މަޖުލީހަށް ހުށަހެޅޭނެ ގޮތް ހަމަޖެއްސެވުމަށް އެދިވަޑައިގަތެވެ. އަދި މިކަމާބެހޭ ލިޔުން މަޖުލީހަށް ހުށަހެޅި ފަހުން މިކަން ހަމަޖެއްސެވުމުގެ ހުރިހާ ބާރެއް ރައްޔިތުންގެ ވޯޓަކުން ވަޒީރުލް އަޢުޒަމް އިބްރާހީމް ނާޞިރަށް މިބާރު ދެއްވުމަށް ތާއީދު ކުރެއްވި އެއްބޭފުޅަކީ ވެސް އިބްރާހީމް ރަޝީދު އެވެ. އަދި މިކަން ހަމަޖެއްސެވުމަށް އިބްރާހީމް ނާޞިރުގެ އިސްބޭފުޅެއްގެ ގޮތުގައި މޯލްޑިވްސް ސްޓާރ ގައި ހުވަދު އަތޮޅަށް ވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ވެސް އިބްރާހީމް ރަޝީދު ހިމެނިވަޑައިގަންނަވައެވެ.

ފުރުއްވި މަގާމްތައް އުނިއިތުރު ގެންނަވާ

  • 1960 - ވަޒީރުއްދާޚިލިއްޔާކަން
  • 1962 – ކެބިނެޓް ސެކެޓްރީކަން
  • 1963 – ޑެޕިއުޓީ ޕްރައިމް މިނިސްޓަރުކަން
  • 1967 - ޑެޕިއުޓީ ޕްރައިމް މިނިސްޓަރުކަން
  • 1960 – މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ޑެޕިޔުޓީ މިނިސްޓަރުކަން
  • 1966 – މިނިސްޓަރ އޮފް ހޯމް އެފެއާޒްކަން
  • 1968 – މިނިސްޓަރ އޮފް ހެލްތު ކަން
  • 1977 – މިނިސްޓަރ އޮފް ހޯމް އެފެއާޒްކަން
  • 8 ޖެނުއަރީ 1958 – އައްޑޫ މައްސަލަ ހަމަޖައްސާ ކޮމިޓީގެ މެންބަރުކަން

އެއްބަފާ ބޭފުޅުން އުނިއިތުރު ގެންނަވާ

  • އިސްމާޢީލް ރަޝީދު
  • ރަޝީދާ މުޙައްމަދު ދީދީ

އެއްބަނޑު ބޭފުޅުން އުނިއިތުރު ގެންނަވާ

  • އަމީނާ ޙުސައިން
  • ފާތިމަތު ޢަލީ


އަލްފާޟިލް އިބްރާހީމް ރަޝީދު ދިވެހި ޤައުމަށް ކޮށްދެއްވި ޚިދްމަތްތަކުގެ އަގުވަޒަން ކުރައްވައި ދިވެހި ސަރުކާރުން 2011 ވަނަ އަހަރު ވަނީ ދިވެހި ދަޢުލަތުގެ މަތިވެރި ޢިއްޒަތް ( ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިކަން ) އަރުވާފައެވެ.

އަވަހާރަވުން އުނިއިތުރު ގެންނަވާ

ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ އިބްރާހީމް ރަޝީދު އަވަހާރަވީ 31 ޖަނަވަރީ 2021 ވީ އާދީއްތަ ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައެވެ. އަވަހާރަވީ ޢުމުރުފުޅުން 92 އަހަރުފުޅުގައެވެ.

މަރުޖިޢުތައް އުނިއިތުރު ގެންނަވާ

  • ހަދާނާއި ތާރީޚްގެ ތެރެއިން - 1 ވަނަ ބައި - އަހުމަދު ނަޖީބް - 2006