ޑރ އަޙުމަދު ޢަބުދުﷲ ދީދީ އަކީ މިޞްރުގެ އަލްއަޒުހަރު ޔުނިވަސިޓީ އިން ގާނޫނީ ދާޢިރާ އިން ޑރ އޮފް ފިލޯސަފީ ޙާޞިލް ކުރައްވާފައިވާ ބޭފުޅެކެވެ. މިހާރު ހުންނެވީ އެޓާނީ ޖެނެރަލްގެ ނާއިބުގެ މަގާމް ގައެވެ. މިއީ އައްޑޫ އަށް އުފަން ބޭފުޅެކެވެ. މިއީ ޤުރުއާން ހިތުދަސް ޙާފިޡެއް ވެސް މެއެވެ.

ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 1 އޮކްޓޯބަރު 1966 ގައި ސ.ހިތަދޫގައެވެ. އިބްތިދާއީ ތަޢުލީމް ސ.ހިތަދޫ ނޫރާނީ ސްކޫލްގައި ފުރިހަމަ ކުރެއްވުމަށްފަހު އިންޑިޔާގެ ދާރުލް ޢުލޫމް މާޓްލީވާލާގައި އުމުރުން 13 އަހަރުގައި ގުރުއާން ހިތުދަސްކުރެއްވިއެވެ. އިއުދާދީ ތަޢުލީމް މާލޭގެ މައުޙަދުއް ދިރާސާތިލް އިސްލާމިއްޔާގައި ފުރިހަމަ ކުރެއްވުމަށްފަހު ސާނަވީ ތަޢުލީމް މިޞްރުގެ ގާހިރާގެ ސެކަންޑަރީ އިންސްޓިޓިއުޓެއްގައި ފުރިހަމަ ކުރެއްވި އެވެ.

ޑރ އަހުމަދު ޢަބުދުﷲ ދީދީ ވަނީ މިޞްރުގެ ގާހިރާގައި ހުންނަ އަލްއަޒުހަރު ޔުނިވަސިޓީގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ ގައި އިސްލާމީ ޝަރީޢާ އާއި، ޕޮޒިޓިވް ލޯ(ވަޟްޢީ ގާނޫނު) މިދެދާއިރާއިން އޮނާރސް ޑިގްރީ ޙާޞިލްކުރައްވާފައެވެ. އޭގެ ފަހުން ހަމަ އެފެކަލްޓީގައި 2 އަހަރު ދުވަހުގެ މުއްދަތަށް ޕަބްލިކް ލޯޑިޕާޓްމެންޓެއްގައި ޕޮސްޓް ގްރެޖުއޭޓް ކޯރސްވޯރކް ޕްރޮގްރާމް ފުރިހަމަ ކުރެއްވި އެވެ.

ޑރ އަޙުމަދު ޢަބުދުﷲ ދީދީ މާސްޓާރސް ޑިގްރީ ޙާޞިލްކުރެއްވުމަށް ލިޔުއްވި 527 ޞަފްހާގެ ތީސިސްގެ މައުޟޫ އަކީ ދިވެހިރާއްޖޭގެ ގާނޫނު ހެދުމުގެ ބާރު، އިސްލާމީ ސިޔާސީ ނިޒާމާއި، ކޮންޓެމްޕޮރަރީ ސިޔާސީ ނިޒާމް ތަކާއި ކޮމްޕެއަރކޮށް މިއެވެ. ކޮންސްޓިޓިއުޝަނަލް ލޯ އިން މާސްޓާރސް ޙާޞިލްކުރެއްވުމަށްފަހު ޕަބްލިކް އިންޓަނޭޝަނަލް ލޯ އިން ޕީއެޗްޑީ ޙާޞިލްކުރެއްވި އެވެ. ޕީއެޗްޑީ ހެއްދެވުމަށް ލިޔުއްވި 500 ޞަފްޙާގެ ތީސިސްގެ މައުޟޫ އަކީ އިސްލާމީ ފިގުހް އާއި ޕަބްލިކް އިންޓަނޭޝަނަލް ލޯގައި ބައިނަލް އަގްވާމީ މުއާހަދާތައް ނިމިގެންދާ ގޮތްތައް މިއެވެ. މިތީސިސް އަށް ޑޮކްޓަރ އޮފް ލޯ އެވޯޑްކުރެވިފައިވަނީ ތަފާތު ޔުނިވަސިޓީ ތަކާއެކު ތީސިސް އެކްސްޗޭންޖް ކުރުމަށް ރިކަމަންޑް ކުރުމާއެކު ފަސްޓް ކްލާސް އޮނާރސްގެ ދަރަޖައިންނެވެ.

ޑރ އަހުމަދު ޢަބުދުﷲ ދީދީ އަކީ 1996 ވަނަ އަހަރުން ފެށިގެން ދިވެހިރާއްޖޭގެ ކޯޓްތަކުގައި ވަކާލާތު ކުރުމުގެ ހުއްދަ ލިބިލައްވާފައިވާ ގާނޫނީ ވަކީލެކެވެ. އަދި މެދު އިރުމަތީގެ ބާރ އެސޯސިއޭޝަންތަކުން ގަބޫލުކުރާ އެޓާނީ އެކެވެ. އަހުމަދު އަބުދުﷲ މެމްބަރުކަން އަދާކުރައްވާ ތަންތަނުގެ ތެރޭގައި އިޖިޕްޝަން ސޮސައިޓީ އޮފް އިންޓަނޭޝަނަލް ލޯ އަދި ދިވެހިރާއްޖޭގެ ފިގުހު އެކަޑަމީ ހިމެނެއެވެ.

ޑރ އަހުމަދު ޢަބުދުﷲ ދީދީ އަކީ ކުއްލިއްޔަތުއް ދިރާސާތިލް އިސްލާމިއްޔާ، އަދި މޯލްޑިވްސް ކޮލެޖް ފޮރ ހަޔަރ އެޑިޔުކޭޝަންގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯގައި ކިޔަވައިދެއްވާ ޕާޓް ޓައިމް ލެކްޗަރަރ އެކެވެ. އަދި އޭނާ އަކީ ކޮމްޕެރޭޓިވް ލޯގެ ތަފާތު މައުޟޫތައް ދިރާސާ ކުރައްވާފައިވާ ޕަބްލިކް ލޯގެ ތަޖުރިބާ ކާރެކެވެ. 22 އޮކްޓޯބަރ 2008 ން 2 ފެބުރުއަރީ 2009 އަށް ދިވެހިރާއްޖޭގެ އެޓާނީ ޖެނެރަލްގެ ނާއިބުކަން ކުރައްވާފައި ވެއެވެ. 10 އޮގަސްޓު 2010 އިން 27 ޖޫން 2018 އަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ކުރައްވާފައިވެއެވެ. 28 ޖޫން 2018 އިން 18 ނޮވެންބަރު 2019 އަށް ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަން ކުރައްވާފައި ވެއެވެ.