ކުލަ ފާނަ (ސައިންޓިފިކް ނަން: Epinephelus microdon)ނުވަތަ (އިނގިރޭސި ބަހުން: camoflage grouper)އަކީ ރާއްޖޭގެ ފަރުފަޅުތަކުގެ ބޭރުގައްޔާއި، ހާހަލާއި ތިލަތިލައިގައި ގިނައިން އުޅޭ މަހެކެވެ. ދިވެހިން ދުވާލާއި ރޭގަނޑު ކުރާ ކެޔޮޅު ކަމުގައި ވެސް މިމަސް ގިނައިން ބޭނެއެވެ. މިއީ ދިވެހިން ކެއުމަށް ބޭނުންކުރާ މީރު މަހެކެވެ. މަހުގެ އަމިއްލަ މާހައުލުގައި އުޅޭއިރު މިމަހަކީ ވަރަށް ރީތި ތަފާތު ކުލައަކަށް ހަށިގަނޑުގެ ކުލަ ބަދަލުކުރާ މަހެކެވެ. މަހުގެ ބޮލުގެ މަތިން ދެލޮލުގެ ދެމެދު ހުންނަނީ އެއްވަރަކަށް ފަތާކޮށެވެ. ނިގޫފަތުގެ ކޮޅު ހުންނަނީ ވަށްކޮށެވެ. ކަންފަތްގަނޑު ބޮލުގެ ދިގުމިނަށްވުރެ ކުރުވާނެއެވެ. މަހުގެ ކަރުތާފަތުގެ ކުރީބައިގެ ކައިރިފަށް ހުންނަނީ ކަށިކޮށެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި ހަރުކޮށް ހުންނަ 11 ކައްޓާއި، 15 އާއި 16 އާއި ދެމެދުގެ އަދަަދަކަށް މަޑު ކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގައި ހަރުކޮށް ހުންނަ 3 ކައްޓާއި މަޑުކަށީގެ 16 ނުވަތަ 17 ކަށި ހުރެއެވެ.މަހުގެ ކުލައަކީ މުށި ކުލައެވެ. މުޅި މަހުގައިހެން ކަޅުކުލައިގެ ކުދި ތިކިތަކެއް ހުރެއެވެ. މިތިކިތަކުގެ މަތިން ކަޅުކުލައިގެ ލައްތަކެއް އެކިގޮތްގޮތަށް މަހުގެ ދެއަރިމަތިން ފާޅުވެއެވެ. މަހުގެ ބަނޑުދަށުގެ ނިގޫފަތުގެ މަތީގައި ފާހަގަ ކުރެވޭ ފަދަ ގޮތަކަށް ކަޅުކުލައަކަށްދާ ގަދަމުށި ކުލައިގެ ލަފެއް ހުރެއެވެ.