ކާނަލް (ރިޓަޔަރޑް) ޙަސަން ނަޞީރު

(މިސްރާބުކުރެވުނީ ކާނަލް ރިޓަޔަރޑް ޙަސަން ނަޞީރު އިން)

ކާނަލް ރިޓަޔަރޑް ޙަސަން ނަޞީރު (ސ. ނަންބަރ:149) އަކީ 1964 ވަނައަހަރު ޖެނުއަރީމަގުގެ 14 ވަނަ ދުވަހުން ފެށިގެން, މޯލްޑިވްސް ނޭޝަނަލް ޑިފެންސްފޯސް (އެމް.އެން.ޑީ.އެފް) ގައި ވޭތުވެ މިދިޔަ 45 އަހަރާއި 6 މަހާއި 17 ދުވަހުގެ ދިގު މުއްދަތުގައި، ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއެކު ޚިދުމަތް ކުރުންމަތީ ދެމިހުންނެވި، ބޭ ފުޅެކެވެ.

            މި ދިގު މުއްދަތުގެ ތެރޭގައި އެމް.އެން.ޑީ.އެފް ގެ ލާންސްކޯޕްރަލްކަމާއި، ކޯޕްރަލްކަމާއި، ސަރޖަންޓްކަމާއި، ސްޓާފް ސަރޖަންޓުގެ މަޤާމް ފުރުއްވިއެވެ. އަދި ލެފްޓިނެންޓް، ފަސްޓްލެފްޓިނެންޓް، ކެޕްޓަން، މޭޖަރ ގެ މަޤާމުގެ އިތުރުން ލެފްޓިނެންޓް ކާނަލްކަމުގެ މަޤާމުވެސް  ފުރުއްވިއެވެ. ކާނަލް ޙަސަން ނަޞީރު ސިފައިންގޭގައި އިޚްލާސްތެރިކަމާއި ވަފާތެރިކަމާއެކު އަދާކުރެއްވި ޚިދުމަތްތަކުގެ ސަބަބުން ޝަރަފުގެނިޝާނުގެ ގޮތުގައި 9 ކުލައާ 8 މެޑަލް ލިބިވަޑައިގެންފައި ވެއެވެ. ލިބިވަޑައިގެންފައިވާ މެޑަލްތަކުގެ ތެރޭގައި އަޚްލާޤީމެޑަލް، ސިފައިންގެ ޚިދުމަތުގެ މެޑަލް، އިޚްލާޞްތެރި ޚިދުމަތުގެ މެޑަލް، ރައީސުލްޖުމްހޫރިއްޔާގެ މެޑަލް، ދިގުމުއްދަތެއްގައި ޚިދުމަތް ކުރުމުގެ މެޑަލް، މަތިވެރި ޚިދުމަތުގެ މެޑަލް، ސައްތައިގެ މެޑަލް، އަދި 3 ނޮވެމްބަރުގެ މެޑަލް ހިމެނެއެވެ. ޙާސިލްކުރެއްވި ކުލަތަކުގެ ތެރޭގައި ހިތްވަރު ގަދަކަމުގެ ކުލަ، ހުނަރުވެރިކަމުގެ ކުލަ އަދި ޚާއްޞަޚިދުމަތުގެ ކުލަ ހިމެނެއެވެ. މީގެއިތުރުން ތަފާއެކިއެކި ކަންކަމާގުޅިގެން ޚިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދެއްވާ ލިޔުއްތައް ޙާސިލްކުރައްވާފައިވާކަން ފާހަގަ ކުރަމެވެ.

            ކާނަލް ޙަސަން ނަޞީރުގެ  ޚާއްޞަ ޚިދުމަތް ތަކުގެ ތެރޭގައި ހުޅުލޭ އެއަރޕޯޓް ފަޔަރބްރިގޭޑް ގައި ޚިދުމަތް ކުރެއްވުމާއި، ކޯސްޓް ގާރޑް ލޯންޗްތަކުގެ ކަންތައްތައް ބެލެހެއްޓުމާއި، ކޯސްޓްގާރޑްގެ ކޮމާންޑިންގ އޮފިސަރގެ އެހީތެރިޔާކަމާއި، އެމް.އެން.ޑީ.އެފް ގެ ޑިސިޕްލިނަރީ ކޮމެޓީގެ މެންބަރުކަމާއި، ޕްރޮމޯޝަން ބޯޑުގެ މެމްބަރުކަން އަދާކުރައްވާފައި ވެއެވެ. އަދި ޓްރާންސްޕޯރޓް ސަރވިސްގެ ކޮމާންޑިންގ އޮފިސަރ ކަމާއި، ކަލުތުއްކަލާ ކޮށީގެ ކޮމާންޑިންގ އޮފިސަރގެ މަޤާމު ފުރުއްވާފައި ވެއެވެ. ކާނަލް ޙަސަން ނަޞީރު ސިފައިންގެ ޚިދުމަތުން ރިޓަޔަރ ކުރެއްވިރު ހުންނެވީ ފަޔަރ ސަރވިސްގެ ޑެޕިއުޓީ ކޮމާންޑިންގ  އޮފިސަރ ގެމަޤާމުގެ އިތުން ރިޓަޔަމަންޓް ސަރވިސް އޮފީހުގެ އެންމެ އިސްވެރިއެއްގެ ގޮތުގައެވެ.

            ކާނަލް ޙަސަން ނަޞީރު ބައިވެރިވެ ވަޑައިގެންނެވި ބޮޑެތި މަސައްކަތް ތަކުގެ ތެރޭގައި ރާއްޖޭގެ އިޤްތިޞާދީ  ސަރަޙައްދު ބެލެހެއްޓުމާއި، ރައްޖޭގެ ސަރަޙައްދަށް އުރޭ ބޯޓުފަހަރު ފުންކުރުމުގެ ބުރަ މަސައްކަތްކުރެއްވުމުގެ އިތުން ، މާލެއަށް ބޮޑުރާޅު އެރި ހާދިސާ އާއި، މާލޭފަޅުން ބިންހިއްކުމައް ސިފައިންވެލިހަދިޔާ ކުރުމާއި، މަގުހެދުމަށް އަކިރިހަދިޔާ ކުރުމާއި، މާލޭގެ މަގުހެދުންފަދަ ކަންކަން ފާހަގަ ކުރެވިފައިި ވެއެވެ. އޭގެ އިތުރުން އެކިއެކި ކުޅިވަރުތައް ފަދަ އިޖުތިމާޢީ ކަންކަމުގައި ބައިވެރިވެ ވަޑައިގެން ސިފައިންގެ ތެރޭގައި އިޖުތިމާޢީ ރޫޙު ދިރުވުމުގެ ގޮތުން ޙަރަކާތްތެރިވެ ވަޑައިގެންފައި ވާކަން ފާހަގަ ކުރެވެއެވެ.  ނޮވެމްބަރު 3 ގެ ޢުދުވާނީ ހަމަލާގައި، ސިފައިންގެ ތެރޭގައި އޭރު ތިއްބެވި އިސްބޭފުޅުންނާ އެކު ސިފައިންގެ މައިމަރުކަޒު ދިފާޢު ކުރުމުގެ ގޮތުން ފާހަގަ ކޮއްލެވޭ ގިނަ ޚިދުމަތްތަކެއް ކުރައްވާފައި ވެއެވެ. ކޯސްޓްގާޑާއި ފަޔަރ އެންރެސްކިއުގެ ފަރާތުން ރާއްޖެ ތެރޭގައި ހިންގި އެކިއެކި ތަމްރީނު ޕްރޮގްރާމްތަކުގައި، އަމަލީގޮތުން ބައިވެރިވެ ވަޑައިގެންފައި ވާކަން ފާހަގަ ކުރަމެވެ. މީގެ އިތުރުން ސިފައިންގޭގައި ޕެރޭޑުގެ ހަރަކާތްތައް ފުޅާވެ ކުރިއަރަމުންދިޔަ ދުވަސްވަރު ޕެރޭޑް އިންސްޓްރެކްޓަރެއްގެ ގޮތުން ދިގު މުއްދަތަކަށް  ކޮއްދެއްވާފައިވާ ބުރަ މަސައްކަތާއި، ޕެރޭޑް ކޯޑިނޭޓިން ކޮމެޓީގެ ވައިސް ޗެއަރމަންގެ ހައިސިއްޔަތުން ކޮށްދެއްވާފައިވާ ޚިދުމަތްތަކާއި، ސިފައިން ބޭނުންކުރާ ކޮމާންޑް ދިވެހި ކުރުމުގެ މަރްޙަލާގައި އަމަލީގޮތުން މަސައްކަތް ކުރައްވާފައި ވެއެވެ.   1970 ގެ ތެރޭގައި ރަޝިޔާ ބަަޑި ހަދިޔާ ކުރުމުން  އެ ބަޑިތައް ރާއްޖޭގެ ބޯޓުފަހަރުގައި ބެހެއްޓުމުގެ މަސައްކަތުގައި އަމަލީގޮތުން ޙަރަކާތްތެރިވެ ލެއްވިކަންވެސް މިފުރުސަތުގައި ފާހަގަ ކުރަމެވެ. 

            ކާނަލް ޙަސަންނަޞީރު މިދާއިރާއިން ހޯއްދެވި ތަމްރީނުތަކަށް ބަލާއިރު 1966 ން 1967ށް ސްރީލަންކާގައި ބޭސިކް ފަޔަރ ފައިޓިންކޯހެއް ފުރިހަމަ ކުރައްވައި، 1969 ގައި އެއަރޕޯރޓް ފަޔަރ ފައިޓިން ކޯހެއް ސިންގަޕޫރުގައި ފުރިހަމަ ކުރެއްވިއެވެ. މީގެ އިތުރުން  1982 ގައި އިނގިރޭސި ވިލާތުގައި ފުރިހަމަކުރެއްވި އޯލްއާމްސް ޑްރިލްކޯހާއި، 1987 ގައި ޕާކިސްތާނުގައި ފުރިހަމަ ކުރެއްވި ރެސްކިޔު އެޑްމިނިސްޓްރޭޝަން ކޯހާއި، 1995ގައި ޕާކިސްތާނުގައި ފުރިހަމަ ކުރެއްވި ސީނިއަރ އޮފިސަސް މެނެޖްމަންޓް ކޯސް ފާހަގަ ކޮއްލެވެއެވެ. މީގެ އިތުރަށް ސިފައިންގެއިން ހޮވާލެވުނު ބައަކަށް ޕައިލެޓްކަން ދަސްކޮށް ދެއްވުމަށް ހިންގި ތަމްރީނުގައި ބައްވެރިވެލައްވައިގެން ވަރަށް އެކަށޭނަ ކާމިޔާބީއެއް ހަސިލްކުރެއްވެވެ.

            ކާނަލް ޙަސަން ނަޞީރަަކީ، ސިފައިންގެ ތެރޭގައި މިދެންނެވި ޚިދުމަތްތަކުގައި ތެދުވެރިކަމާ އަމާނާތްތެރިކަމައެކު ޚިދުމަތްކުރުންމަތީ ދެމިހުންނެވި ލާމަސީލު ބޭފުޅެކެވެ.  ޙަސަން ނަޞީރުގެ މަތިވެރި ޚިދުމަތްތަކަކީ، މިއަދުގެ ދިވެހި ސިފައިންގެ ލަޝްކަރުގެ ފަހުލަވާނުންނާ މާދަމާ ދިވެހި ސިފައިންގެ ލަޝްކަރުގެ ސަފުތަކާ ގުޅޭ ޒުވާން ދަރިންނަށް ދައްކައިދެއްވި ރީތި މިސާލެއްކަމުގައި ދަންނަވަމެވެ.

            އިސްވެ ދެންނެވުނު އެންމެ ހާ ޚިދުމަތް ތަކުގެ އަގުވަޒަންކުރުމުގެ ގޮތުން  01 އޯގަސްޓް 2009 ގައި ޝަރަފުވެރި ކަމާއެކު ކާނަލް ޙަސަން ނަޞީރު ރިޓަޔަ ކުރެވުމުން، ޙަސަން ނަޞީރުގެ މިވަރުގަދަ ޢަޒުމާ ހިތްވަރަށް، އައްސަރިބަހާއި ސާބަސް ދަންވައި، އެމަތިވެރި ޚިދުމަތްތަކަށް ނުހަނު އިޚްލާސްތެރިކަމާއެކު ޝުކުރާއި މުބާރިކު ބާދީ އަދާކުރަމެވެ.

ކާނަލް (ރިޓަޔަރޑް) ޙަސަން ނަޞީރު އަވަހާރަވީ 20 ޖެނުއަރީ 2010 ވީ ބުދަ ދުވަހުއެވެ. ކާނަލް (ރިޓަޔަރޑް) ޙަސަން ނަޞީރު އަވަހާރަވީ ތައިލެންޑުގެ ބުންމުންގްރާޑް ހޮސްޕިޓަލްގައި ހިތުގެ ބައްޔަށް ފަރުވާދެމުންދަނިކޮށް އެދުވަހުގެ 18:15 ހާއިރުއެވެ.