ކަދުރު(އިނގިރޭސި ބަހުން: Date)އަކީ އެތެރޭގައި ހަރުއޮށެއް އޮންނަ ފޮނިމޭވާއެކެވެ. ކަދުރު އަޅަނީ ރުކެއްގައެވެ. މި ރުއް ގިނައިން ހެދެނީ ހިކިހޫނު ބިންބިމުގައެވެ. ކަދުރު އެންމެ ގިނައިން ހެދޭކަމަށް ފާހަގަ ކުރެވިފައިވަނީ މެދުއިރުމަތީގެ ޚާއްޞަކޮށް ޢަރަބި ގައުމުތަކުގައެވެ. ކަދުރު ރުއް އާންމު ގޮތެއްގައި 25-15 މީޓަރާއި ދެމެދުގެ އުސްމިނަކަށް ހެދެއެވެ.

ކަދުރު

ކަދުރުގެ ވަރަށް ގިނަ ވައްތަރުތައް ހުރެއެވެ. ކަދުރަކީ ތަފާތު ކެއުން ތަކުގައި ބޭނުންކުރާ އެއްޗެކެވެ. ކަދުރުން ރޯލަ ވީއްލުމަކީ މުސްލިމުންގެ މެދުގައި ސުންނަތެއް ދިރުވުމުގެ ގޮތުން ކުރެވޭ ކަމެކެވެ.

ކަދުރާ ބެހޭގޮތުން މި ސަފްހާގައި ވާ ލިޔުން އިތުރަށް ފުރިހަމަ ކުރުމަށްޓަކައި އަޅުގަނޑު www.heyobas.com  ގައި ކުރިން ލިޔެފައިވާ ލިޔުން ހިއްސާކޮށްލަމެވެ. ކަދުރަކީ ކީރިތި ޤުރުޢާނާއި  މާތް ރަސޫލާ ސުންނަތުންވެސް އެނގޭގޮތުގައި އިންސާނުންނަށް ނުހަނު ފައިދާހުރި މެވާއެކެވެ. އަދި ހަމަ އެހެންމެ ކަދުރަކީ ރަސޫލާ އާންމުކޮށް ފަރިއްކުޅުވާ އުޅުއްވި ކާނާއެވެ. އިސްލާމްދީން ފާޅުވެގެންއައި ދުވަސްވަރުގައި މުސްލިމުންގެ ކެއުމުގެ ގޮތުގައި ބޭނުންކުރެއްވީވެސް ކަދުރެވެ.ހަނގުރާމައިގެ މައިދާނުގައި އަދި އެ ނޫން މައިދާންތަކުގައިވެސް މުސްލިމުންގެ މެދުގައި މަޤުބޫލް މި މޭވާއަކީ އިންސާނާގެ ހަށިގަނޑަށް ބޭނުންވާ ފައިދާހުރި އެތަކެއް މާއްދާތަކެއް ހިމެނޭ މޭވާއެކެވެ. އަދި ރަސޫލާ ދުނިޔެއަށް ފޮނުއްވުމުގެ ކުރިންވެސް ކަދުރަކީ އަރަބި ކަރައިގައި ބޭނުންކުރެވުނު މެވާއެކެވެ.    ތާރީޙްގެ ފަތްފުއްތަކުން އެނގޭގޮތުގައި ކަދުރު އެންމެ ފުރަތަމަ ފެނިފައިވަނީ މެސޮޕޮޓޯމިއަން ސިވިލައިޒޭޝަންގެ ދުވަސްވަރު އެސަރަހައްދުންނެވެ. އެއީ މިހާރު ސައުދީއާއި އިރާގް ގުޅޭ ހިސާބެވެ.

ދުނިޔޭގައި ސިލްކް އުފެއްދުމާއި ވިޔަފާރީގައި މީގެ އެތައް އަހރުތަކެއްކުރިން ފާހަގަކުރެވޭ ޗައިނާމީހުން ވިޔަފާރިކޮށް ދަތުރު ނިންމާލާފައި އަންނީ ކަދުރު ހިފައިގެންނެވެ. ޒަމާނަކީ ބާޓާ ސިސްޓަމަށް ވިޔަފާރި ހިންގަމުން އައި ޒަމާންކަމުން ސިލްކަށް ކަދުރު ބަދަލުކޮށް ޗައިނާއަށް ގެނެސް އުޅުނެވެ. އަދި މެދުއިރުމައްޗައް ދުނިޔޭގެ އެކިކަންކޮޅުތަކުންދާ ގިނަ ބަޔަކު އެންމެ ކުރިން ފަށައިގެންވެސް ރަމްޒީ އެއްޗެއްގެ ގޮތުގައި ކަދުރުގެންނަކަން ވަނީ ފާހަގަކުރެވިފައެވެ. ދަތުރުގެ ހަދިޔާއެއްގެ ގޮތުގައި ގައުމުގައި ތިބޭ އާއިލާއަށް ގިނަ ބަޔަކު ކަދުރުގެނެއެވެ.

ކަދުރު އާންމުކޮށް ހައްދަނީ އަރަބިދުނިޔޭގައެވެ . ދުނިޔޭގައި ކަދުރު ހައްދާ ގައުމުތަކަކީ ސައުދީ އަރަބިއްޔާ، އީރާން، އިރާގް، މިސްރެވެ. އަދި މީގެ އިތުރަށް ޔޫރަޕްގައި އިސްލާމީ ދައުލަތްފެތުރިފައި ކުރިން އޮތް ދެ ގައުމުކަމަށްވާ އިޓަލީ، ސްޕެއިން އަދި އެމެރިކާގައެވެ. އެމެރިކާގެ ކޮންޓިނެންޓްގައި އެމެރިކާގެ އިތުރަށް މެކްސިކޯފަދަ ގައުމުތަކުގައިވެސް ކަދުރު ހައްދާއުޅެއެވެ. މެކްސިކޯއަށް ކަދުރު ތައާރަފްކޮށްފައިވަނީ ޕޯރޗުގީޒުންނެވެ. ދުނިޔޭގެ ގިނަ ގައުމުތަކަށް ކަދުރުގެ މުޑުވަތް ގެންގޮސްފައިވަނީ ސައުދީ އަރަބިއްޔާއިންނެވެ.އަދި ސްޕެއިންގެ އަންދަލްސް އަށް ކަދުރު ތައާރްފްކޮށްފައިވަނީ ހަލީފާ އަބްދުއްރަޙްމާންއެވެ. ޕާކިސްތާނަށް ކަދުރު ގެނެސްފައިވަނީ އެލެކްސެންޑާރ ދަ ގްރޭޓް އޭސިއާގައި މަސައްކަތްކުރެއްވި ދުވަސްވަރުއެވެ.

އެހެންނަމަވެސް ދުނިޔޭގެ ގިނަ ގައުމުތަކެއްގައި ކަދުރު ހެދޭކަން ވަނީ ފާހަގަކުރެވިފައެވެ. ހަމަ އެހެންމެ އަޅުގަނޑުމެންގެ މި ގައުމުގައިވެސް ކަދުރު ހެދި ކަދުރު އަޅާ ދޮންވެއެވެ. މިގޮތުން ދާދިފަހުން ނ.މާފަރުގައި ކަދުރު އަޅާ ދޮންވެފައިވެއެވެ. އަދި ސ.ކޮމަންޑޫ، ބ.ކުޑަރިކިލި އަދި ކުރިން މާލޭގައިވެސް ކަދުރު ރުއްހެދި ކަދުރު އަޅާފައިވެއެވެ.

ސަލާމްލެއްވި އިސާގެ ފާނުގެ މައިކަނބަލުން އީސާގެ ފާނާއިގެން ރަށްކައުވެ ވަޑައިގަތުމަށް ބަނޑުގައި ރިހުމުގެ ވޭންވަރު އަޅަންފެށި ހިނދު ﷲ އެކަމަނާއަށް އެއިލާހުގެ ބަސްފުޅު ވަހީކުރެއްވިއެވެ. މި ހާދިސާ ހިމެނެނީ މަރުޔަމް ސޫރަތުގައެވެ. މިގޮތުން އެ ސޫރަތުގެ 25 ވަނަ އާޔަތުގެ މާނައީ ” ވީއިރު، ތިޔަކަދުރު ރުކުގައި ހިފާފައި، ކަމަނާއާއި ދިމާއަށް ހަލުވައިލާ ހުށިކަމެވެ! އެއިރުން، ދޮންވެ ފައްކާވެފައި އެހުރި ކަދުރުތަށް ކަމަނާގެ ކައިރިއަށް އެޅޭނެއެވެ”. ދެން ހަމަ އެޔާޖެހިގެން 26 ވަނަ އާޔަތުގެ މާނަގައި ވަނީ ” ދެން އެކަދުރުކައި، ތިޔައޮތް ފެންއާރުން ފެންބޮއި ހިތްހަމަޖައްސާހުށިކަމެވެ.! ދެން، ކަމަނާއަށް މީހަކު ފެނިއްޖިނަމަ ބުނާށެވެ: ” ހަމަކަށަވަރުން، އަހަރުރެން މިއިނީ، ރަޙްމާންވަންތަ މާތްރަސްކަލާންގެ ކިބައަށް ރޯދަހިފުމަށް ނަދުރުގަނެގެންނެވެ.! ވީމައި އަދު، އަހުރެން، އެއްވެސް މީހަކާއި ވާހަކަދަށްކައި އުޅޭކަށް ނެތީމެވެ”. އަދުގެ ސައިންސްވެސް ސާބިތުކޮށްދޭގޮތުގައި ކަދުރަކީ މާބަނޑު މީހުންނަށް ފައިދާހުރި ރަނގަޅު މޭވާއެކެވެ. ކަދުރަކީ މާބަނޑު މީހުން ކެއުމަށް ނުހަނު ރަނގަޅު ފައިދާހުރި މެވާއަކަށް ވަނީ ކީއްވެތޯއެވެ؟ ކަދުރަކީ ވިހެއުމުގައި ދިމާވާ ދަތިތަކުން ސަލާމަތްކޮށްދީ ލޭ ހިނގުމާއި އަދި ބަނޑުގައި އޮންނަ ކުޑަ ދަރިފުޅުގެ ހެދި ބޮޑުވުމަށް ބޭނުންވާ ގިނަ މާއްދާތަކެއް އެކުލެވޭ މޭވާއެކެވެ. ކަދުރަކީ ރަހިމުގެ މަސްތަކުގެ ބާރުގަދަކޮށްދޭ މޭވާއެކެވެ.

ކަދުރަކީ އިންސާނާގެ ހަށިގަނޑަށް ހާއްސަކޮށް ކުޑަކުދިންނަށް ފައިދާހުރި ކާނާއެކެވެ. ކުޑަކުދިންގެ ބަނޑު އަދި ގޮހޮރުގެ މައްސަލަތައް ރަނގަޅުކޮށްދީ ފަސޭހަކަމާއި އެކު ކާތަކެތި ހަޖަމްކުރުމަށް އެހީއަކަށްވެދެއެވެ. ކުޑަކުދިންނަށް ދިމާވާ ބޭރަށް ހިންގުމާއި ބަނޑު ހަރުވުންފަދަ ބަލިތަކަށް ހާއްސަ ފަރުވާއެއްގެ ގޮތުގައިވެސް ކަދުރު ބޭނުންކުރެވެއެވެ. މިގޮތުން ކަދުރު ޖޫސް ކިރާ އެއްކޮށްގެން ނުވަތަ މާމުޔާއި އެއްކޮށްގެން ބޭނުންކުރެވިދާނެއެވެ. މިގޮތަށް ދުވާލަކު 3 ފަހަރު ދިނުމުން ﷲގެ އިޒުނަފުޅާއެކު އިންޝާﷲ ސިފާދެއްވާނެއެވެ.

ކަދުރަކީ ފަލަބަލި ނުވަތަ އޮބޭސިޓީއަށްވެސް ފަރުވާއެއްގެ ގޮތުގައި ބޭނުންކުރެވޭނެ ފައިދާހުރި މެވާއެކެވެ. އާންމުކޮށް އޮބޭސިޓީ ބަލި މީހުން އިތުރަށް ބަލި ބޮޑުވެގެން ދަނީ މި ބަލީގެ ސަބަބުން އާދަޔާ ހިލާފަށް ކާހިތްވުމާއި ބަނޑުހައިކަން އިހްސާސްވުމުމުގެ ސަބަބުން ކެއުމުގައި ކޮންޓްރޯލުން ނެޓި އަދި މީހާ ކަންނެތްވެ ހަރަކާތްތެރިވުން ކުޑަވުމުންނެވެ. އެހެނީ ކަދުރުގެ ސަބަބުން ހަށިގަނޑުގައި ހަކުރުގެ ބައި ކޮންޓްރޯލްވެ އަދި ބަނޑުހައިކަން ކުޑަކޮށްދެއެވެ. އަދި ހަށިގަނޑުގައި ބާރުޖެހި ލޭ ހިނގުން އަވަސްވެދެއެވެ. މި ބަލި ހުންނަ ފަރާތްތަކުން ހާއްސަ ސަމާލުކަމެއްދީގެން ކަދުރު ކެއުމުން ހަށިގަނޑުގައި ސަރުބީ ވިރުވައިދީ ހީވާގިކަންގެނެސްދީ މި ބައްޔަށް ލުއިކަންލިބެއެވެ.

ކަދުރަކީ ހަށިގަނޑު ވިހަ މާއްދާތަކުން ސަލާމަތްކޮށް ރަށްކާތެރިކޮށްދޭ މޭވާއެކެވެ. އަދި ހަމަ އެހެންމެ ކަދުރު ޖޫހަކީ އެކި ވައްތަރުގެ ހުމުގެ ބަލިތަކާއި ރޯގާތަކަށްވެސް ރަނގަޅު ފަރުވާއެކެވެ. ކަދުރަކީ ޖިންސީ ދުޅަހެޔޮކަންވެސް އިތުރުކޮށްދޭ މޭވާއެކެވެ. އަދި ކަދުރު ކެއެއުމުން ނުވަތަ މާމުޔާ ކިރު ކަދުރު ޖޫހާއި އެއްކޮށްގެން ބުއިމުން ހަށިގަނޑު ބާރުގަދަކޮށްދެއެވެ.

ސަހީހުލް ބުހާރީގައި އަދި މުސްލިމްގައި ބަޔާންވެފައިވާ ރަސޫލާގެ ހަދީޡް ބަސްފުޅެއްގައިވާ ގޮތުން ހެނދުނު އަޖުވާ ކަދުރުގެ 7 ކަދުރު ކައިފި މީހަކަށް އެދުވަހު ވިހައިގެ އަސަރެއް އަދި ސިހުރުގެ އަސަރެއް ނުކުރާނެއެވެ. މި ހަދީޡްގެ ނަމްބަރަކީ ބުހާރީގެ ހަދީޡް ނަމްބަރ 5327 އަދި މުސްލިމްގެ ހަދީޡް ނަމްބަރ 3814 އެވެ. އަދި މީގެ އިތުރަށް އަޖުވާ ކަދުރާ ބެހޭގޮތުން މުސްނަދު އަޙްމަދުގެ ހަދީޡް ނަމްބަރ 23592 އަދި މުސައްނަފް އިބުނު އަބީ ޝައިބާ ހަދީޡް ނަމްބަރ 2394 ގައިވެއެވެ. ހަދީޡް ނަމްބަރު ނަގާފައިވަނީ (http://www.letmeturnthetables.com/2011/07/hadith-ajwa-dates-and-science.html)އިންނެވެ. މީ 1400 އަހަރުކުރިން ރަސޫލާ ވިދާޅުވެފައިވާ ބަސްފުޅަކަށްވާއިރު މިއަދުގެ ސައިންސްވަނީ މިކަން އިތުރަށް ސާބޮތުކޮށްދީފައެވެ. 7 ކަދުރަކީ ގާތްގަނޑަކަށް 70 ގުރާމެވެ. އޭގެން 70 މިލިގްރާމަކީ އިންސާނާގެ ހަށިގަނޑުގެ ނާރުތަކާއި ހުޅުތަކާއި ކަށިގަނޑަށް ބޭނުންވާ ކެލްސިއަމްއެވެ. އަދި 35 މިލިގްރާމް އަކީ ސިކުނޑިއަށް ބޭނުންވާ ކާނާގެ ތެރޭގައިހިމެނޭ ޕޮސްޕަރަސްއެވެ. އަދި7 މިލިގްރާމް ހިމެނެނީ ހަށިގަނޑުގައި ބާރު ޖައްސާ ހަށިގަނޑު ވަރުގަދަކޮށްދޭ، ހިތުގެ ހިނގުން ރަނގަޅުކޮށްދިނުމަށް ބޭނުންވާ ބާވަތެއްކަމަށްވާ ދަނގަނޑުގެ ބައެވެ. އަދި މީގެ އިތުރަށް ހަށިގަނޑަށް ބޭނުންވާ ވިޓަމިންސް، ލޮނު، މިނަރަލްސްގެ ބައި ލިބެއެވެ. ކަދުރުގައި ހަށިގަނޑަށް ބޭނުންވާ ހުރިހާ ބައެއް ހިމެނޭއިރު އޭގެތެރޭގައި އެންމެ މަތީ މިންވަރަކަށް ހިމެނެނީ ކާބޯހައިޑްރޭޓްސް އެވެ. އެއީ ހަށިގަނޑު ވަރުގަދަވެ ބާރު ޖެހުމަށް ބޭނުންވާ ބާވަތެވެ. ކަދުރުން ލިބޭ ކާބޯހައިޑްރޭޓްސްގެ މިންވަރަކީ 88ޕަސެންޓެވެ. އަދި %5.6-2.3 ޕުރޮޓީންސް ހިމެނެއެވެ. ޕްރޮޓީންސް އަކީ ހަށިގަނޑު ހެދިބޮޑުވުމަށް ބޭނުންވާބައެވެ. އަދި ހަށިގަނޑަށް ބޭނުންވާ ޑައިޓްރީ ފައިބަރޔާއި ވިޓަމިންސް %11.5-6.4 ހިމެނެއެވެ. އަދި %5-5.2 ގެ ފެޓް ހިމެނެއެވެ. އަދި މީގެ އިތުރަށް %5-0.2 ތެޔޮހިމެނެއެވެ.

ކަދުރަކީ ވިޓަމިން އޭ، ބީ ވަން، އަދި ފުލުއޮރިން ހިމެނޭ މޭވާއެކެވެ. އަދި މީގެ އިތުރަށް ހަށިގަނޑަށް ބޭނުންވާ މިނަރަލްސްގެ ބާވަތްތައް ހިމެނެއެވެ. އޭގެ ތެރޭގައި ކެލްސިއަމް، ކޯބަލްޓް، ދަގަނޑު، މެގްނީޒިއަމް، ޕޮޓޭސިއަމް، ޕޯސްފަރަސް، ސޯޑިއަމް، ޒިންކްއެވެ. އަދި އެލްމީނިއަމް، ކްލޯރައިޑް، ލެޑް އާއި ސަލްފަރ، ސެލީނިއަމްވެސް ހިމެނެއެވެ. މި މާއްދަތަކީ ދިފާއީ ނިޒާމް ވަރުގަދަކޮށްދީ ކެންސަރުން ސަލާމަތްވުމަށް އެހީތެރިވެދޭ ބައިތަކެކެވެ.

ކަދުރަކީ ހަށިގަނޑަށް އެންމެ ފައިދާހުރި މެވާއެވެ. އެހެންކަމުން ކަދުރާއި ބެހޭގޮތުން ލިޔެވުނު ކުޑަ މައުލޫމާތު ކޮޅާއި އެކު އައްޑޫ އޮންލައިންގެ ލިޔުންތެރިޔާ ޒާރާ ކަދުރާ ބެހޭގޮތުން ލިޔުއްވާފައިވާ ލިޔުމެއްވެސް ހިއްސާކޮށްލަމެވެ. ޒަރާ ލިޔުއްވާފައިވާ ގޮތުގައި “ ރޯދަމަސް އައުމާއެކު މުޅި ދުނިޔޭގެ އެތަންމިތަނުގައި ކަދުރުގެ ވިޔަފާރި ޢާއްމުވެއެވެ. ކަދުރުން ރޯދަ ވީއްލުމަކީ ސުންނަތެކެވެ. މީގެ އިތުރުން ކަދުރަކީ އޭގައި އިންސާނާއަށް އެތަކެއް ފައިދާ ލައްވާފައިވާ މޭވާއެކެވެ.

ކަދުރަކީ ހަށިގަނޑަށް ބޭނުންވާ ޑައެޓަރީ ފައިބަރ ހިމެނޭ މޭވާއެކެވެ. ކަދުރުގައި ފެނަށްގިރޭ ވައްތަރުގެ ފައިބަރާއި، ފެނަށް ނުގިރޭ ވައްތަރުގެ ފައިބަރު ވެސް ހިމެނެއެވެ. އަދި ކަދުރަކީ ހަށިގަނޑަށް ބޭނުންވާ ހަކަތަ އަވަސްކަމާއެކު ލިއްބައިދެނިވި އެންމެ ރަނގަޅު ކާނާގެ ބާވަތެވެ. ޕޮޓޭސިއަމްވެސް އެންމެ ގިނައިން އެކުލެވިގެންވާ އެއްބާވަތަކީ ކަދުރެވެ. ކަދުރަކީ ބަނޑުހަރުވުމުން ދުރުކޮށްދޭ ކާނާގެ ބާވަތްތަކުގެ ތެރެއިން ބާވަތެކެވެ. ނަމަވެސް އޭގެ ފައިދާ އެންމެ ރަނގަޅު ގޮތުގައި ލިބިގަތުމަށްޓަކައި ބަނޑުހަރުވެފައިވާ މީހާ ކަދުރު ބޭނުންކުރަން ޖެހޭނީ އެއްރޭ ވަންދެން ފެނުގައި ލުމަށްފަހު އެފެނާ އެކުގައެވެ..

ގަވާޢިދުން ކަދުރު ބޭނުންކުރާނަމަ، ގޮހޮރުގެ މައްސަލަތައް މެދުވެރިން ކުޑަކޮށް ދެއެވެ. ކަދުރަކީ ބޭރަށް ހިންގުމަށް ވެސް ހުރި ފަރުވާއެކެވެ. ސަބަބަކީ ކަދުރުގައި ހުންނަ ޕޮޓޭސިއަމްއަކީ ބޭރަށްހިންގުން ކޮންޓްރޯލް ކުރުމުގައި އެހީތެރިވެދޭ މާއްދާއަކަށްވާތީއެވެ.

ކަދުރަކީ ބައެއް ވައްތަރުގެ ކެންސަރުން އިންސާނާ ސަލާމަތްކޮށްދޭ އެއްޗެކެވެ. ކަދުރުގައި އެންޓި އޮކްސިޑެންޓް އެކުލެވިގެން ވުމަކީ ފްރީ ރެޑިކަލްތަކުން ހަށިގަނޑުގެ ސެލްތައް މިންޖުކޮށްދީ، ކެންސަރުން ރައްކާތެރިކޮށްދޭ ކަމެކެވެ. ކަދުރުގައި ވިޓަމިން އޭ ގިނަ މިންވަރަކަށް ހުރެއެވެ. ވިޓަމިން އޭ ގިނައިން ހުންނަ ކާނާ ބޭނުންކުރުމަކީ އަނގަޔާއި، ފުއްޕާމޭގެ ކެންސަރުން ރައްކާތެރިކޮށްދޭނެ ކަމެކެވެ.

ކަދުރަކީ ހިތުގެ ބަލިތަކުން ވެސް މީހާ ސަލާމަތްކޮށްދޭ މޭވާއެކެވެ. އެހެނީ އެއީ ސޯޑިއަމް މަދު ޕޮޓޭސިއަމް ގިނަ މޭވާ އެކެވެ. އެހެންކަމުން، މިއީ ހިތާއި ލޭހޮޅިތަކުގެ ނިޒާމްގެ މަސައްކަތް ރަގަޅުކޮށްދީ، އަދި ނާރުތަކުގެ ނިޒާމްގެ މަސައްކަތް ރަގަޅުކޮށްދޭ މޭވާއެކެވެ. ކަދުރުގައި އަޔަން އެކުލެވިފައިވުމުން ހަށިގަނޑުގެ ލޭ އިތުރުވެއެވެ. ކަދުރަކީ އެއްވެސް މިންވަރަކަށް ކޮލެސްޓްރޯލް ހިމެނޭ މޭވާއެއްނޫނެވެ.

މާބަނޑު އަންހެނުން ކަދުރު ބޭނުންކުރުމަކީ ރަހިމުގެ މަސްތަކުގެ ބާރުގަދަކޮށްދޭ ކަމެކެވެ. މީގެ އިތުރުން ކަދުރަކީ މާބަނޑު އަންހެނުންނަށް ދިމާވާ ވިހެއުމުގެ ވޭންތައް ކުޑަކޮށްދޭ މޭވާއެއް ވެސް މެއެވެ.

ކަދުރުގައި ވިޓަމިން އޭ އެކުލެވުމަކީ ލޮލުގެ ފެނުމުގެ މައްސަލަ ހުންނަން އެހީތެރިކަން ފޯރުކޮށްދޭ ކަމެކެވެ. ޚާއްޞަކޮށް ނައިޓް ބްލައިންޑްނެސްގެ މައްސަލަ ހުންނަ މީހުންނަށް ކަދުރު ބޭނުންކުރުމުން އެކަމުގެ އުދަގޫ ކުޑަވެއެވެ.

މިހުރިހާ ފައިދާތައް އެކުލެވިގެންވާ ކަދުރަކީ ހަމައެކަނި ރޯދަމަހު ބޭނުންކުރަންޖެހޭ މޭވާއެއްކަމަށް ބައެއް މީހުން ދެކެއެވެ. ނަމަވެސް ކަދުރަކީ ރޯދަމަސް ނޫނަސް ކޮންމެ ދުވަހަކު ވެސް ބޭނުންކުރުމަށް އެންމެ ރަގަޅު މޭވާއެވެ. ހުސައިން ނިޔާޒް/ޅޮހި