ކަނޑު ކިރުޅިޔަމަސް(ސައިންޓިފިކް ނަން: Pinjalo lewisi)ނުވަތަ (އިނގިރޭސި ބަހުން: Slender pinjalo)އަކީ ރާއްޖޭގެ ފަރުފަޅުތަކާއި ހާހަލާއި ތިލަތިލައިގައި ދިރިއުޅޭ މަހެކެވެ. ދިވެހިން ރޭގަނޑުކުރާ ނަނުފެއްތުމުގެ ކެޔޮޅު ކަމުގައި މަދުމަދުން މިމަސް ބޭނެއެވެ. މިއީ ކެއުމަށް މީރު މަހެކެވެ. ކަނޑު ކިރުޅިޔަ މަހުގެ ދެބާވަތެއް ވެއެވެ. މިދެބާވަތް އެއްގޮތް ކަމުން ވަކިކުރުން އޮންނަނީ ދަތިކަމަށް ވެފައެވެ. ނަމަވެސް ދެބާވަތް ދިރިއުޅުމަށް ޚިޔާރުކުރާ ސަރަހައްދު ތަފާތެވެ. މިމަސް އާންމު ގޮތެއްގައި އުޅެނީ މާކަނޑާއި ގުޅިފައި ހުންނަ ކުދި ޖަޒީރާތަކުގެ ކައިރީގައި ކަމަށް ބެލެވިފައި ވެއެވެ.

ކަނޑު ކިރުޅިޔަމަސް

މަހުގެ ބުރަކަށި މަތީ ކޮތަރިބައިގައި ހަރުކޮށް ހުންނަ 12 ކައްޓާއި، 13މަޑުކަށި ހުރެއެވެ. މަހުގެ ބަނޑުދަށް ފަރާތުގައި ހަރުކޮށް ހުންނަ 3 ކައްޓާއެކު 9މަޑުކަށި ހުރެއެވެ. މަހުގެ ކަންފަތުގައި 18 މަޑުކަށި ހުރެއެވެ. މަހުގެ މައިގަނޑު ކުލައަކީ ފިޔާތޮށި ކުލައެވެ. ނަމަވެސް ބަނޑުދަށް ހުންނަނީ ރިހިކުލައިގައެވެ. މިބާވަތުގެ މަހުގެ މަތީކޮތަރިބައި ނިމޭ ހިސާބުން ނިގޫފަތާއި ދިމާގައި ހުދުކުލައިގެ ލަފެއް ބައެއް ފަހަރު ފާޅުކޮށް ފެންނަން ހުރެއެވެ.