ބައިގަޅި ފުންނަ (ސައިންޓިފިކް ނަން: Amblygobius semicinctus)ނުވަތަ (އިނގިރޭސި ބަހުން: Half barred goby)އަކީ ރާއްޖޭގެ ތިލަ ފަޅުތަކާއި ވިލުތަކުގައި އުޅޭ ފުންނައެކެވެ. މިފުންނަ އާންމުގޮތެއްގައި އުޅެނީ ވެލިގަނޑުގައި ހޮރު ކޮނެގެން ނިވާކަން ހޯދައިގެންނެވެ. އާންމުގޮތެއްގައި އުޅެނީ ޖޯޑްޖޯޑަށެވެ. މަހުގެ އާންމު ކާނާއަކީ މޫދު ފެއްސާއި ކަކުނި ފާނޑުގެ ސޫތްޕެވެ. މިއީ ދިވެހިން ކައިއުޅޭ މަހެއް ނޫނެވެ.ވުމާއެކު މިމަސް ހިފުމަށް ދިވެހިން ވަކި ކަހަލަ މަސްވެރިކަމެއް ނުކުރެއެވެ. މިއީ ކުޑައިސްކޮޅެއްގެ މަހެކެވެ. މިމަސް އެންމެ ބޮޑުވަނީ 15 ސެންޓި މީޓަރަށެވެ.

މަހުގެ ކުލައަކީ މުށިކުލައެވެ. މަހުގެ ބުރަކަށިމަތީ ކޮތަރިބަޔާއި ބޮލުގެ މަތީބައިގައި ފެހި ނޫކުލައާއި ފަނޑު ރަތްކުލައިގެ ލައްތަކެއް ހުރެއެވެ. ކަޅުކުލައިގެ ލަފެއް ކަރުތާފަތުގެ އަރިމަތީގައި ހުރެއެވެ. މިބާވަތުގެ އަންހެން މަހުގެ ބަނޑުދަށް ހުންނަނީ ނޫކުލައިގައެވެ. މަހުގެ ބުރަކަށިމަތީ ފުރަތަމަ ކޮތަރިބައިގައި 6 ހަރުކަށި ހުރެއެވެ. ދެވަނަ ކޮތަރިބައިގައި 1 ހަރުކައްޓާއެކު 13 މަޑުކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގައި 1 ހަރުކައްޓާއެކު 12 އާއި 16 އާއި ދެމެދުގެ އަދަދަަކަށް މަޑުކަށި ހުރެއެވެ. މިމަހަށް ކިޔާ ވަކި ޚާއްޞަ ނަމެއް ރިކޯޑް ކުރެވިފައި ނެތުމާއެކު މަހުގެ ޢިލްމީ އަދި އިގިރޭސި ނަމާ ގުޅޭގޮތުން މިމަހަށް ބައިގަޅި ފުންނަކިޔާފައިވަނީ އެވެ.