ރަތްތިކި އަލަތަނޑު (ސައިންޓިފިކް ނަން: Parapercis schauinslandi)ނުވަތަ (އިނގިރޭސި ބަހުން: Red spotted sand perch)އަކީ ފަރުފަޅުގެ ބޭރުން ފުން ސަރަހައްދު ތަކުގައި އާންމުކޮށް އުޅޭ އަލަތަނޑުގެ ބާވަތެކެވެ. މިބާވަތް އުޅެނީ 20 މީޓަރަށްވުރެ ފުން ސަރަހައްދު ތަކުގައެވެ. މިއީ ދިވެހިން ކެއުމަށް ބޭނުންކުރާ މަހެއް ނޫންކަމުން މިބާވަތުގެ މަސް ހިފުމަށް ނުވަތަ ބޭނުމަށް ރާއްޖޭގައި ވަކި ޚާއްޞަ މަސްވެރިކަމެއް ކުރެވެމަކުން ނުދެއެވެ. މިބާވަތުގެ މަސް އާންމުކޮށް އުޅެނީ ފަރުމަތީގައި މުގުރިފައި ހުންނަ މުރަކަ ހުންނަ ހިސާބުތަކުގައެވެ. މަހުގެ ކުލައަކީ ހުދުކުލަ އެވެ. މަހުގެ ދެއަރިމަތީގައި ހަތަރެސްކަނަން ހުންނަ ރަތްކުލައިގެ ލައްތަކެއް ދެބަރިއަކަށް ހުރެއެވެ. ނިގޫފަތުގެ ކުލަ ފަނޑުވެފައި ރަތްކުލައިގެ ދެތިކި ހުރެއެވެ. މިމަސް އެންމެ ބޮޑުވަނީ 14 ސެންޓި މީޓަރަށެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 5 ހަރުކައްޓާއެކު 21 މަޑުކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގައި 1 ހަރުކައްޓާއެކު 17 މަޑުކަށި ހުރެއެވެ. މަހުގެ ކަންފަތްގަނޑުގައި 16 މަޑުކަށި ހުރެއެވެ. މަހުގެ ތިރީ ތަލީގައި އޫކޮށް ހުންނަ ވަރުގަދަ 6 ދަތް ހުރެއެވެ. މިއީވެސް ޝިކާރަކޮށްގެން ކައިއުޅޭ މަހެކެވެ. މަހުގެ އާންމު ކާނާއަކީ ކަކުނި ފާނޑުގެ ސޫތްޕާއި ކުދިމަހެވެ. މިބާވަތުގެ އަލަތަނޑަށް ވަކި ޚާއްޞަ ނަމެއް ކިޔާކަމަށް ރިކޯޑް ކުރެވިފައި ނެތުމާއެކު މަހަށް ކިޔާ އިގިރޭސި ނަމަށް ގުޅުވައިގެން މަހުގެ ސިފަޔަށް ވިސްނާ ރަތްތިކި އަލަތަނޑު ކިޔާ ނަންދީފައިވަނީ އެވެ.