ހަލުވި މަސް(ސައިންޓިފިކް ނަން: Caranx sexfasciatus)ނުވަތަ (އިނގިރޭސި ބަހުން: Bigeye trevally)އަކީ ހަނދީގެ ގިނަ ބާވަތްތަކާއި ޚިލާފަށް ތަންކޮޅެއް ދިގުކޮށް ހުންނަ މަހެކެވެ. ހަލުވި މަހަކީ ރާއްޖޭގެ މަސްވެރިން ގިނައިން ބާނާ އުޅޭ މަހެކެވެ. މިބާވަތް ވަރަށް ގިނައިން ބައިބަޔަށް ރަށްރަށުގެ ބޭރު މައްޗަށާއި، ފަޅުފަޅާއި، ވިލުވިލަށް ވަދެއުޅެއެވެ. މިމަސް އާންމު ގޮތެއްގައި އުޅެނީ 50 މީޓަރަށްވުރެ ތިލަ ހިސާބުތަކުގައެވެ. މިމަސް އެންމެ ބޮޑުވަނީ 85 ސެންޓި މީޓަރަށެވެ. މަހުގެ ކާނާއަކީ ކުދިމަހާ ބޯވަ ދިލަމަހާ ކަކުނި ފާނޑުގެ ސޫތްޕެވެ.

ހަލުވި މަސް

ހަލުވި މަހުގައި ކުދި ހުޅުނބު ތަކެއް ހުރެއެވެ. މަހުގެ ބަނޑުދަށް ފަރާތުން ކަރުތާފަތްގަނޑުގެ ތިރީގައި ހުންނަ ކޮތަރިބައިގެ ކައިރީގައިވާ ކުޑަކުޑަ ތަންކޮޅެއް ފިޔަވާ އެހެނިހެން ހިސާބުތަކުގައިވެސް ހުޅުނބު ހުރެއެވެ. މަހުގެ ކަންފަތް ގަނޑު މަހުގެ ބޮލަށްވުރެ ދިގުވާނެއެވެ. މަހުގެ ބުރަކަށި މަތީ ފުރަތަމަ ކޮތަރިބައިގައި ހަރު 8 ކަށި ހުރެއެވެ. ދެވަނަ ކޮތަރިބައިގައި ހަމަ އެކަހަލަ 1 ކައްޓާއެކު 19 އާއި 22 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގައި ވަކިން ހުންނަ 2 ހަރުކައްޓަށްފަހު، އިތުރު 1 ހަރުކައްޓާއި، 14 އާއި 17 އާއި ދެމެދުގެ އަދަދަަކަށް މަޑުކަށި ހުރެއެވެ. މަހުގެ މަތީބައިގެ ކުލައަކީ ފެހިކުލައަކަށްދާ މުށި ކުލައެކެވެ. ބަނޑުދަށް ފަރާތާއި އަރިމަތި ހުންނަނީ ރިހިހުދުކުލައިގައެވެ. މަހުގެ ކަރުތާފަތްގަނޑުގެ މަތީބައިގެ ކޮޅުގައި ކަޅު ކުޑަލަފެއް ފާޅުކޮށް ފެންނަން ހުރެއެވެ.