ޑރ. ޢަލީ ރަފީޤަކީ ނޫސްވެރިކަމުގެ ދާއިރާއިން ޑޮކްޓަރ އޮފް ފިލޯސަފީ ނުވަތަ ޕީއެޗްޑީ ޙާޞިލް ކުރައްވާފައިވާ ބޭފުޅެކެވެ. ޑރ. ޢަލީ ރަފީޤް ޕީއެޗްޑީ ޙާޞިލް ކުރެއްވުމަށްފަހު ނިއުޒިލޭންޑް އިން އެބުރި ދިވެހިރާއްޖެ އަށް ވަޑައިގަތީ 30 ޑިސެމްބަރު 2007 ގައެވެ. އޭނާއަކީ ނޫސްވެރިކަމުގެ ދާއިރާއިން ޕީއެޗްޑީ ޙާޞިލްކުރެއްވި ފުރަތަމަ ދިވެހި ބޭފުޅާ ވެސް މެއެވެ.

ތަޢުލީމީ ޙަޔާތް އުނިއިތުރު ގެންނަވާ

ޑރ. ޢަލީ ރަފީޤް ސާނަވީ ތަޢުލީމް ޙާޞިލް ކުރެއްވީ އީޕީއެސް އިންނެވެ. އެއަށްފަހު މިހާރުގެ ސީއެޗްއެސްސީ ކުރީގެ އެސްއީސީ އިން އޯލެވެލް ހެއްދެވި އެވެ. އޯލެވެލް ހައްދަވައި ނިމުނީ 1986 ވަނަ އަހަރުގެ ތެރޭގައެވެ.

ނޫސްވެރިކަމުގެ ރޮނގުން ފުރަތަމަ ޑިގްރީ ޙާޞިލް ކުރެއްވީ މެލޭޝިޔާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަސިޓީ ގައެވެ. ޑރ. ޢަލީ ރަފީޤް ފުރަތަމަ ޑިގްރީ ޙާޞިލް ކުރެއްވީ މިހާރު ސިޔާސީ ދާއިރާގައި އިސްކޮށް އުޅުއްވާ މިނިސްޓަރ އޮފް އިންފޮމޭޝަން އެންޑް ލީގަލް ރިފޯމް އަލްއުސްތާޛު މުޙައްމަދު ނަޝީދު އާއި ގާނޫނީ ވަކީލު އަލްއުސްތާޛު ހުސްނުއް ސުޢޫދު އާއި އެކުގައެވެ. ޑރ. ޢަލީ ރަފީޤް ވެސް ފުރަތަމަ ކިޔަވާ ވިދާޅުވާން ފެއްޓެވީ ގާނޫނީ ދާއިރާއިންނެވެ. ނަމަވެސް ފަހުން ކޯސް ނޫސްވެރިކަމުގެ ދާއިރާއަށް ބަދަލު ކުރައްވައި އެެދާއިރާއިން ފުރަތަމަ ޑިގްރީ ޙާޞިލް ކުރެއްވީ އެވެ.

ޑރ. ޢަލީ ރަފީޤް މާސްޓާރސް ޑިގްރީ ޙާޞިލް ކުރެއްވީ 2003 ވަނަ އަހަރު ނިއުޒިލޭންޑް ގެ ކެންޓަބަރީ ޔުނިވަސިޓީ ގައެވެ. މާސްޓާރސް ރިސާރޗް ހައްދަވާފައިވަނީ އޮންލައިން ނޫސްވެރިކަމާ ބެހޭގޮތުންނެވެ. އަދި އެކޯހުން އެންމެ މަތީ ދަރަޖައިގައި ފާސްވުމުން ޑޮކްޓަރ އޮފް ފިލޯސަފީ ހަދާނެ ފުރުޞަތެއް ކެންޓަބަރީ ޔުނިވަސިޓީ އިން ޑރ. ޢަލީ ރަފީޤަށް ދެއްވި އެވެ.

ޑރ. ޢަލީ ރަފީޤް 2007 ވަނަ އަހަރުގެ ފަހުކޮޅު ޕީއެޗްޑީ ހައްދަވާ ނިންމެވިއިރު ދިރާސާ ތައްޔާރު ކުރައްވާފައިވަނީ ހަނގުރާމަ ތަކުގެ ތެރޭގައި ހަނގުރާމަ ކުރާ ގައުމުތަކުގެ ސަރުކާރު ތަކުންނާއި އަސްކަރިއްޔާއިން ޚަބަރުތަކަށް ނުފޫޒު ފޯރުވާ ވަރުގެ މައްޗަށެވެ.

ނޫސްވެރިކަމުގެ ތެރޭގައި އުނިއިތުރު ގެންނަވާ

ޑރ. ޢަލީ ރަފީޤް ވަނީ ވަރަށް ކުރިން ނޫސްވެރިކަމުގެ ތެރެއަށް ވެދެވަޑައިގެންފައެވެ. ކުރުގޮތަކަށް ބުނާނަމަ ޑރ. ޢަލީ ރަފީޤް ނޫސްވެރިކަން ފެށިގެން އައީ ސުކޫލް ދައުރުންނޭ ބުނެވިދާނެއެވެ. 1983 ވަނަ އަހަރު އީޕީއެސްގައި ތަޢުލީމް ޙާޞިލް ކުރައްވަމުން ދިޔައިރު ވޮއިސް އޮފް އެއިޓް ގެ ނަމުގައި ޑރ. ޢަލީ ރަފީޤް ވަނީ އޭނާގެ ރަހުމަތްތެރިއެއް ކަމުގައިވާ މިހާރު ރައްޔިތުން މަޖްލީހުގެ އިދާރާގެ އިސްމަގާމެއް ފުރުއްވާ ޕޮލިޓިކަލް ސައިންސްގެ ދާއިރާއިން ޕީއެޗްޑީ ޙާޞިލް ކުރައްވައިގެން ހުންނެވި ޑރ. ޢަލީ ޝަމީމް އާއި ގުޅިވަޑައިގެން ނޫހެއް ނެރުއްވާފައެވެ.

ޑރ. ޢަލީ ރަފީޤަކީ ހަވީރު އޮންލައިންގެ ބާނީ އެވެ. ހަވީރު އޮންލައިން ވެބްސައިޓް 1997 ގައި އިފްތިތާހު ކުރުމުގެ ކުރިން ވެސް ކޮމްޕިއުޓަރު މެދުވެރިކޮށް ޚަބަރު ބެލޭނެ ނިޒާމެއް ހަވީރު ނެޓް ގެ ޒަރިއްޔާއިން 1994 ވަނަ އަހަރު ޑރ. ޢަލީ ރަފީޤް ތަރައްގީ ކުރެއްވި އެވެ. މިހުރިހާ ޚިދުމަތެއް އަގުވަޒަން ކުރުމުގެ ގޮތުން 1997 ވަނަ އަހަރު ވަނަ އަހަރު ނޫސްވެރިކަމުގެ ރޮނގުން ހިތްވަރު ދިނުމުގެ އިނާމް ސަރުކާރުގެ ފަރާތުން ދެއްވާފައި ވެއެވެ.

ނޫސްވެރިކަމުގެ ދިގު ޙަޔާތުގައި ޑރ. ޢަލީ ރަފީޤް ވަނީ ބޭރުގެ ބައެއް އިއްޒަތްތެރިންނާއި ގައުމުތަކުގެ ވެރިންނާއި އިގިރޭސި ބަހުން އިންޓަވިއު ކުރައްވާފައެވެ. އެގޮތުން 80 ގެ އަހަރު ތަކުގެ ތެރޭގައި ރާއްޖެ ވަޑައިގެންނެވި ފަލަސްތީނުގެ އޭރުގެ ރައީސް ޔާސިރު ޢަރަފާތު އަދި މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު މަހާތީރު މުޙައްމަދު ފަދަ ބޭފުޅުންނާ ޑރ. ޢަލީ ރަފީޤް ވަނީ އިގިރޭސި ބަހުން އިންޓަވިއު ކުރައްވާފައެވެ.

މީގެ ކުރިން ޑރ. ޢަލީ ރަފީޤް ވަނީ ހަވީރު ނޫހުގެ އެޑިޓަރުކަމާ ތަފާތު ވަޒީފާތައް ފުރުއްވާފައެވެ. ޑރ. ޢަލީ ރަފީޤް މިހާރު ހުންނެވީ "ދައުރު" ނޫހުގެ އެޑިޓޯރިއަލް ޑިރެކްޓަރުކަމުގައެވެ.