ޑރ. ސަޢުދުﷲ ޢަލީ ފުރަތަމަ ޑިގުރީ ހާސިލުކުރެއްވީ، މިޞްރުގެ އަލްއަޒްހަރު ޔުނިވަރސިޓީއިންނެވެ. މާސްޓާރސް ޑިގުރީ ހާސިލުކުރެއްވީ މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީންނެވެ. އެއަށްފަހު ޕީއެޗްޑީ ހާސިލުކުރެއްވީ މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީގައި، ތަޢުލީމީ ދާއިރާއިންނެވެ. ޕީއެޗްޑީ ދިރާސާ ޚާއްޞަ ކުރެއްވީ އިސްލާމީ ޘަޤާފާގެ މައްޗަށެވެ.

ޑރ. ސަޢުދުﷲ އަކީ ދިވެހިރާއްޖޭގައި ދީނީ ހޭލުންތެރިކަން އިތުރުކުރެއްވުމުގެ ދާއިރާއިން ފާހަގަކޮށްލެވޭ ބޭފުޅެކެވެ. އެ ގޮތުން ނޫސް މަޖައްލާތަކަށް ދީނީ ލިޔުންތައް ލިޔުއްވުމާއި، މިސްކިތްތަކުގައި ދަރުސް ދެއްވުމާއި، ޓީވީ އާއި ރޭޑިއޯ ޕްރޮގްރާމުތަކުގައި ދީނީ މަޢުލޫމާތު ދެއްވުމަކީ ޑރ. ސަޢުދުﷲ ގެ މަސައްކަތްޕުޅުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. ޑރ. ސަޢުދުﷲ މިހާތަނަށް ލިޔުއްވި 1100 އަށްވުރެ ގިނަ މަޒުމޫނު ވަނީ ޝާއިޢުކުރައްވައިފައެވެ.

ޤައުމީ ފެންވަރުގެ ބައެއް ކޮމިޓީތަކާއި، ބޯޑުތަކުގެ މެންބަރުކަން ވެސް ޑރ. ސަޢުދުﷲ ޢަލީ ކުރައްވަމުން ގެންދަވައެވެ. މިގޮތުން، ހަޔަރ އެޑިޔުކޭޝަންގެ ހުނަރު ތަރައްޤީ ކުރުމާއި ތަމްރީނު ކުރުމުގެ އެޑްވައިޒަރީ ކޮމިޓީގެ މެންބަރުކަމާއި، ޒަކާތު ސްކޮލަރޝިޕް ކޮމިޓީގެ މެންބަރުކަމާއި، ހައްދުފަހަނަޅައި ދިޔުމާއި، ދީނަށް ފުރައްސާރަ ކުރުމާގުޅޭ މައްސަލަތަކުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒަށް ލަފާދޭ ކޮމިޓީގެ މެންބަރުކަން ވެސް ކުރައްވަމުން ގެންދަވައެވެ. މީގެއިތުރުން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރ (އެކަޑެމިކް އެފެއާޒް) ގެ މަޤާމުގައި ޑރ. ސަޢުދުﷲ ވަނީ ޚިދުމަތް ކުރައްވައިފައެވެ. މި މަޤާމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި 17 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކޮށްދެއްވައިފައި ވެއެވެ. އަދި އެ ޔުނިވަރސިޓީގެ ރަޖިސްޓްރާކަން ވެސް އެ މަނިކުފާނު ވަނީ ކުރައްވައިފައެވެ.