ސައިނަސް(އިނގިރޭސި ބަހުން: Sinusitis) އަކީ ނޭފަތް އާއި، އޭގެ ވަށައިގެން ވައިކޮތަޅު ތަކުގެ އެތެރެއިން ލެވިފައިވާ ތެތް ދުލިފަށް ތަކުގައި އިންފެކްޝަން އަށަގަނެ ދުޅަވުމެވެ. މިބުނި ވައިކޮތަޅު ތަކަކީ ލޮލާއި، ނޭފަތުގެ ވަށައިގެން ކައިރީގައި، އަދި ކޯތާފަތުގައި، ހުންނަ ކުދިކުދި ވައިކޮތަޅު ތަކެކެވެ. އެންމެ ވައިކޮތަޅެއްގެ އެތެރެއިން ލެވިފައިވާ ތެތްދުލިފަށް ދުޅަވި ނަމަވެސް، ސައިނަސް ޖެހިފައިވާ ކަމުގައި ބެލެވިދާނެއެވެ.

ވައިކޮތަޅު ތަކުގައި އިންފްލެމޭޝަން އުފެދުމުން، އެކޮތަޅުތައް ދުޅަވެ، އެއިން ބޭރުކުރާ ދިޔަތައް، ނޭފަތާއި އަރުގެ ތެރެއަށް ވާޞިލް ވުމަށް ހުރަސް އަޅައެވެ. ނަތީޖާއެއްގެ ގޮތުން ވައިކޮތަޅުތަކުގެ އެތެރޭގެ ޕްރެޝަރު މަތިވެ، ރިހުން އުފެދޭގޮތް ވެއެވެ. ވައިކޮތަޅުތަކުގެ އެތެރޭގައި އުފެދޭ ދިޔަތައް ބޭރުވާ ގޮތް ނުވާނަމަ، ބެކްޓީރިޔާ އަދި ފަންގަސް ފަދަ ޖަރާސީމް ތައް ވައިކޮތަޅު ތަކުގެ ތެރޭގައި އަށަގަތުމަށް މަގުފަހި ވެއެވެ.

އަރިދަފުސް ރޯގާގެ ސަބަބުން މިބުނި ވައިކޮތަޅުތައް ބެދުމަކީ އެކަށީގެންވާ ކަމެކެވެ. އަރިދަފުސް ރޯގާ ޖެހުމަށްފަހު ބައެއް ފަހަރު ސައިނަސް އަށް ބަދަލުވުމަކީ ވެދާނެ ގޮތެކެވެ. އާންމު ގޮެތެއްގައި އަރިދަފުސް ރޯގާއާއި ގުޅިގެން ކުރިމަތިވާ އުދަގޫތައް 7-5 ދުވަހުގެ ތެރޭގައި ރަގަޅުވެއެވެ. ސައިނަސްގެ އުދަގޫތައް ދިގުދެމިދެއެވެ. އަދި 7 ދުވަސް ވުމަށްފަހު އިތުރަށް ނުރައްކާވެގެންދެއެވެ.

ސައިނަސްޖެހޭގޮތް އުނިއިތުރު ގެންނަވާ

ސައިނަސް ޖެހުމުން އަންނަނިވި ކަންތައްތައް މެދުވެރި ކުރުވައެވެ.

  • ވައިކޮތަޅުތަކުގެ އެތެރެއިން ލެވިފައިވާ ތެތްދުލިފަށް ދުޅަވެ، ވައިކޮތަޅުތަކުން ބޭރުވާ ދިޔަ، ނޭފަތާއި އަރުތެރެއަށް ވާޞިލްވުމަށް ހުރަސް އަޅައެވެ.
  • ތެތްދުލިފަށް ތަކުން ބޭރުވާ ދަވަ، އަދި ދިޔަ ވައިކޮތަޅު ތަކުގެ އެތެރޭގައި ޖަމާވެ، އޭގައި ޕްރެޝަރު އުފެދި ރިހުން (މޫނުގައި ރިހުން) ކުރިމަތި ކުރުވައެވެ.
  • ވައިކޮތަޅުތަކުގެ ތެރޭގައި ޖަމާވެފައިވާ ދިޔަ ބޭރުކުރުމަށް ނުކުޅެދުމުން ވައިކޮތަޅު ތަކުގެ ތެރޭގައި ބެކްޓީރިޔާ، ފަންގަސް ފަސޭހަ ކަމާއެކު، އަށަގަނެ، އާލާވާގޮތް ވެއެވެ. ނަތީޖާއެއްގެ ގޮތުން، ދޮސް، އަރިދަފުސް، އަދި ދަވަ އުފެދި، ނޭފަތާއި ވައިކޮތަޅުތައް ބެދި، ދުޅަވެ، ސައިނަސްގެ ސަބަބުން ކުރިމަތިވާ އުދަގޫތައް ފެންނަށް ފަށައެވެ.

ސައިނަސް ޖެހުމަށް މެދުވެރިވާ ސަބަބު އަދި މަގުފަހިކުރާ ކަންތައްތައް އުނިއިތުރު ގެންނަވާ

ސަބަބުތައް އުނިއިތުރު ގެންނަވާ

  • ވައިރަސް އިން ޖެހޭ ބަލިތައް : ވައިރަހުން ޖެހޭ އިންފެކްޝަން ތަކުގެ ސަބަބުން ވައިކޮތަޅު ތަކާއި ނޭފަތުގެ އެތެރެއިން ލެވިފައިވާ ތެތްދުލިފަށަލައިގައި އިންފްލެމޭޝަން އުފެދޭގޮތްވެއެވެ.
  • ބެކްޓީރިޔާ އިން ޖެހޭ ބަލިތައް : މިއީވެސް ސައިނަސްޖެހުން މެދުވެރިކުރުވާ ސަބަބެކެވެ.
  • ފަންގަސް އިން ޖެހޭ ބަލިތައް : ފަންގަސް ގެ ސަބަބުން ވެސް ސައިނަސް ޖެހެއެވެ.
  • ނޭފަތަށް ދިމާވާ ނުގުޅޭ އަސަރުތައް ނުވަތަ އެލާރޖީ
  • ނޭފަތުގައި ޕޮލިޕް އުފެދުން
  • ނޭފަތުގައި އެއްޗެއް ތާށިވުން
  • ނޭފަތުގެ ވަސްކަށި އެއްއަރިއަކަށްޖެހުން ނުވަތަ ނޭފަތް އެއްއަރިއަކަށްޖެހިފައި އިނުން
  • ދުންފަތުގެ އިސްތިއުމާލުކުރުން
  • ފިނިވެއްޓަކަށް ހުށަހެޅުން ނުވަތަ މާބޮޑަށް ފިނި މާހައުލެއްގައި އުޅެންެޖެހުން
  • ވައިނުސާފުވުން
  • ކުއްލިއަކަށް ވައިގެ ޕްރެޝަރަށް ބަދަލުއައުން

މަގުފަހިކުރާ ބައެއް ކަންތައްތައް އުނިއިތުރު ގެންނަވާ

ދަތުގެ މައްސަލަތައް އުނިއިތުރު ގެންނަވާ

މަތީ ކޮލުދަތް ތަކުގައި އިންފެކްޝަން އަށަގަތުމަކީ ބައެއް ފަހަރު މެކްޒިލަރީ ސައިނަސް ގައި އިންފެކްޝަން އަށަގަތުމަށް މަގުފަހިވާ ކަމެކެވެ. އެއީ މިބުނި ދަތްތައް (ކޮލުދަތްތައް) ހުންނަނީ މެކްޒިލަރީ ސައިނަސްގެ ތިރިން ކަމުގައިވާތީއެވެ. ކޮލުދަތްތަކުގެ ބުޑާއި، މެކްޒިލަރީ ސައިނަސް އާއި ދެމެދުގައިވާ ކަށީގެ ފާރު ތުނިވުމަކީ ދަތުގައި އުފެދޭ އިންފެކްޝަން މެކްޒިލަރީ ސައިނަސް އަށް ވާޞިލްވުމަށް އެހީވެދޭ ކަމަކަށް ވެއެވެ. ސައިނަސް (މެކްޒިލަރީ ސައިނަސް ދުޅަވުން ) ގެ ސަބަބުން ދަތުގައި ރިހުން ކުރިމަތިވަނީ މިސަބަބާއިހުރެކަން ވަނީ ފާހަގަ ކުރެވިފައެވެ.

އުދުހުން އަދި ފީނުން އުނިއިތުރު ގެންނަވާ

މަތިންދާ ބޯޓުން ދަތުރުކުރުމަށްފަހު، ނުވަތަ އަޑިއަށް ފީނުން، ޑައިވްކުރުމަށްފަހު ބައެއް މީހުންނަށް ސައިނަސް ޖެހުން ކުރިމަތިވާގޮތް ވެއެވެ. މިއީ ވައިގެ ޕްރެޝަރަށް ބަދަލުއައުމުންވާ ކަމެކެވެ. ބޯޓް ނައްޓާލާއިރު ކަންފަތުގެ އެތެރޭގެ ޕްރެޝަރަށް އަންނަ ބަދަލު އަހަރެމެންނަށް ފާހަގަކުރެވޭނެއެވެ. އެއީ ކަންފަތް އަދި ނޭފަތް އާއި ދެމެދުގައި އިންނަ ވައި ހޮޅި ޕްރެޝަރަށް އަންނަ ބަދަލު ހަމަހަމަކުރުމަށް މަސައްކަތް ކުރާތީއެވެ. މިގޮތަށް މަސައްކަތްކުރަނީ ޕްރެޝަރަށް އަންނަ ބަދަލުގެ ސަބަބުން އެހިސާބުގައިވާ ނާޒުކު ބައިތަކަށް ގެއްލުންވިޔަ ނުދިނުމަށްޓަކައެވެ. ވައިގެ ޕްރެޝަރަށް ބަދަލުއައުމަކީ ވައިކޮތަޅު ތަކުގެ އެތެރެއިން ލެވިފައިވާ ތެތްދުލިފަށް ދުޅަވެ، އިންފެކްޝަން އަށަގަތުން މެދުވެރިކުރުވާ ކަމެކެވެ. އަރިދަފުސް ރޯގާ ޖެހިފައިވާނަމަ މިކަން އިތުރަށް ނުރައްކާވެގެން ދެއެވެ.

ބަލިވެއިނުން އުނިއިތުރު ގެންނަވާ

މާބަނޑު ދުވަސްވަރު ވަރަށް ގިނަ އަންހެނުންނަށް ނޭފަތުގެ އެތެރެއިން ލެވިފައިވާ ތެތްދުލިފަށް ދުޅަވެ، ނޭފަތުން އަރިދަފުސް ބޭރުވާގޮތް ވެއެވެ. މިއީ މާބަނޑުވުމުން ހޯރމޯން އަށް އަންނަ ބަދަލަކާއި ގުޅިގެން ކުރިމަތިވާ ކަމެއްކަމަށްވަނީ ފާހަގަކުރެވިފައެވެ. ބަޔާންކުރެވުނުގޮތަށް ނޭފަތުގައި އިންފްލެމޭޝަން އުފެދި ދުޅަވުމަކީ ސައިނަސްޖެހުމަށް މަގުފަހިވެގެންދާ ކަމެކެވެ. އަދި މިހާލަތުގައި ފަރުވާކުރުން އޮންނަނީ އުދަގޫކަމަކަށް ވެފައެވެ. އެއީ މާބަނޑު ދުވަސްވަރު ކޮންމެ ކޮންމެ ބޭހެއްނެގުން އުދަގޫކަމަށްވާނެތީ އެވެ.

ދިފާޢީ ނިޒާމްގެ ބާރުދަށްވުން އުނިއިތުރު ގެންނަވާ

ދިފާޢީ ނިޒާމްގެ ބާރު އާންމު ގޮތެއްގައި ދަށްވަނީ ކެންސަރު ފަދަ ބައްޔަކަށް ފަރުވާކުރުމަށް ކީމޯތެރަޕީ ނެގުން، ރޭޑިއޭޝަންގެ ފަރުވާ ލިބިގަތުން، ގުނަވަނެއް ބަދަލުކުރުން، އެއިޑްސް ޖެހުން ފަދަ ހާލަތްތަކުގައެވެ. ދިފާޢީ ނިޒާމްގެ ބާރުދަށްވުމުން ވައިކޮތަޅުގައި ތަފާތު ޖަރާސީމް އަށަގަތުމަށް މަގުފަހިކުރުވައެވެ. އަދި މިއީ އިންފެކްޝަންތަކާއި ހަށިގަނޑު ހަނގުރާމަކުރުމަށް ހުރަސްތަކާއި ކުރިމަތިކުރުވާނެ ކަމެކެވެ. އެހެންކަމުން މިފަދަ މީހަކަށް ސައިނަސް ޖެހިއްޖެނަމަ ވީއެންމެ އަވަހަށް ފަރުވާ ދިނުމަކީ މުހިއްމު ކަމެކެވެ. އަދި ފަރުވާނުކޮށް ދޫކޮށްލައިފިނަމަ އިންފެކްޝަން ލޯ އަދި ސިކުނޑިއަށް ވާޞިލްވުމަކީ ވެދާނެ ގޮތެކެވެ.

ނޭވަޔަށް އުދަގޫކުރުން އުނިއިތުރު ގެންނަވާ

ނޭވަޔަށް އުދަގޫކުރުން، ނުވަތަ ނޭވާހިއްލުން ހުރުމަކީ ނޭފަތުގައި ޕޮލިޕް އުެފެދުން، ނުގުޅޭ އަސަރު ކުރިމަތިވުން، އަދި ސައިނަސް ޖެހުން މެދުވެރި ކުރުވާކަމެއްކަމަށް ވަނީ ފާހަގަކުރެވިފައެވެ. އަދި ސައިނަސް ޖެހިއްޖެނަމަ ބައެއް ފަހަރު ވައިނޮޅީގައި އަރިދަފުސްތައް ޖަމާވެ، ނޭވާހިއްލުން އިތުރަށް ނުރައްކާވެގެން ދިއުމަކީ ވެދާނެ ގޮތެކެވެ.

ސައިނަސް ޖެހުމުން ކުރިމަތިވެދާނެ އުދަގޫތައް އުނިއިތުރު ގެންނަވާ

އާންމު އަލާމާތްތައް އުނިއިތުރު ގެންނަވާ

ސައިނަސް ޖެހުމުން ފެންނާނެ އެންމެ އާންމު ދެއަލާމާތަކީ ނޭފަތުން ފެންފޭބުން، މޫނުގެ މަސްތަކަށް ފިތި ވާންވެ މޫނުގައި ރިހުން އެވެ. ބައެއްފަހަރު ނޭފަތުން ބޭރުވާ ދަވަ، ނުވަތަ އަރިދަފުސް ރީނދޫ ނުވަތަ ފެހި ކުލައިގައި ހުރެދާނެއެވެ. ކުރިއަށް ލެންބުން، ބޯ އެކި ފަރާތްފަރާތަށް އެނބުރުން، ހެލުވުން ފަދަ ކަންތައްތަކުގެ ސަބަބުން މޫނުގައި އުފެދިފައި ހުންނަ ރިހުން އިތުރުވާގޮތް ވެއެވެ. މީގެ އިތުރުން ބައެއް ފަހަރު މޫނުގައި ބީހިލުމުން ވެސް ރިހުން އިތުރުވާގޮތް ވެއެވެ.

ސައިނަސް ޖެހުމުން ކުރިމަތިވެދާނެ އިތުރު އުދަގޫ ތަކުގެ ތެރޭގައި ބޮލުގައި ރިހުން ، އަނގައިން ނުބައިވަސް ދުވުން، ހުންއައުން، ދަތުގައި ރިހުން، އަރިދަފުސް އައުމާއެކު ކެއްސުން، އަދި އެއްޗެތީގައި ރަހަ ނުލުމާއި، ވަސްނުދުވުން ފަދަ ކަންތައްތައް ހިމެނެއެވެ.

މޫނުގައި ރިހުން އުފެދޭ ހިސާބު އުނިއިތުރު ގެންނަވާ

މޫނުގައި ރިހުން އުފެދޭ ހިސާބު ބަރޯސާވެފައި އޮންނަނީ ސައިނަސްގެ އަސަރުކޮށްފައިވާ ވައިކޮތަޅެއްގެ މައްޗަށެވެ.

  • މެކްޒިލަރީ ސައިނަސް ދުޅަވުން: ރިހުން ހުންނާނީ ލޮލުގެ ތިރިން، މޫނުގެ މެދާއި، ކޯތާފަތާއި، މަތީ ދަތްޕިލަ ހިމެނޭ ހިސާބުގައެވެ.
  • ފްރަންޓަލް ސައިނަސް ދުޅަވުން: ރިހުން ހުންނާނީ ބުމައިގެ މަތިން ނިއްކުރީގައެވެ.
  • ސްފީނޮއިޑް ސައިނަސް ދުޅަވުން: ރިހުން ހުންނާނީ ލޮލުގެ ފަހަތާއި ބޮލުގެ ދެފަރާތުގައި ނުވަތަ ބޮލުގެ ފަހަތުގައެވެ.
  • އެތްމޮއިޑް ސައިނަސް ދުޅަވުން: ރިހުން ހުންނާނީ ލޮލުގެ ވަށައިގެން ނުވަތަ ލޮލުގެ ފަހަތުގައެވެ. ނުވަތަ ދެލޮލުގެ މެދުގައި ނޭފަތާއި ކައިރިވީ ހިސާބުގައެވެ.
  • ނޯޓް: މަތީގައި ބަޔާންކުރެވުނީ ސައިނަސްގެ ވައްތަރުތަކޭވެސް ބުނެވިދާނެއެވެ.

ކުޑަކުދިންނަށް ސައިނަސްޖެހުން އުނިއިތުރު ގެންނަވާ

ކުޑަކުދިންނަށް ސައިނަސް ޖެހުމުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި ނޭފަތުން ފެން އަދި އަރިދަފުސް ފޭބުން، ބޮލުގައި ރިހުން، މޫނުގައި ރިހުން، ކެއްސުން ފަދަ ކަންތައްތައް ހިމެނެއެވެ. މިއުދަގޫތައް 10-7 ދުވަހުގެ މުއްދަތަކަށް ދެމިހުރެއެވެ. ބައެއް ކުދިންނަށް ނުގުޅޭ އަސަރު ނުވަތަ އެލާރޖީ، އަދި ކަންފަތުގެ އިންފެކްޝަން ފަދަ މައްސަލަތައް ދިމާވުމަކީ ވެދާނެ ގޮތެކެވެ.

ސައިނަސްގެ ވައްތަރު އުނިއިތުރު ގެންނަވާ

ސައިންސް ކުރިމަތިވާ މުއްދަތަށް ރިޢާޔަތްކޮށް ދެވައްތަރަކަށް ސައިނަސް ބެހިފައިވެއެވެ.

ކުރުމުއްދަތަކަށް ސައިނަސް ޖެހުން އުނިއިތުރު ގެންނަވާ

ކުރުމުއްދަތަކަށް ( ދުވަސްކޮޅަކަށް) ސައިނަސް ޖެހުން މެދުވެރިވަނީ އާންމު ގޮތެއްގައި ވައިރަސްގެ ސަބަބުން ޖެހޭ އިންފެކްޝަންގެ ސަބަބުންނެވެ. އާންމު ގޮތެއްގައި 4 ހަފްތާ ނުވަތަ އެއަށްވުރެ މަދު ދުވަސްކޮޅަކަށް މިވައްތަރު ދެމިހުރެއެވެ. އަދި ހަފްތާއެއްގެ ތެރޭގައި ފަރުވާ ނުކުރިޔަސް އޭގެ ޒާތުގައި މިވައްތަރުގެ ސައިނަސް އާއި ގުޅިގެން ކުރިމަތިވާ އުދަގޫތައް ރަގަޅުވާން ފަށައެވެ.

ބެކްޓީރިޔާގެ ސަބަބުން ކުރުމުއްދަތަކަށް ސައިނަސް ޖެހުން މެދުވެރިވެއްޖެނަމަ، އޭގެ ޒާތުގައި ރަގަޅުވާން ފެށުމަކީ ވަރަށް ނާދިރު ކަމެކެވެ. އަދި ދިގުމުއްދަތަކަށް ސައިނަސް ޖެހުން، ނުވަތަ ސައިނަސް އާއި ގުޅިގެން މެދުވެރިވާ އެހެނިހެން ނުރައްކާތެރި އުދަގޫތައް މިކަމުގެ ސަބަބުން މެދުވެރިވެއެވެ. ބެކްޓީރިޔާގެ ސަބަބުން ކުރު މުއްދަތަކަށް ސައިނަސް ޖެހިއްޖެނަމަ، ނޭފަތުން ދޮހާއި އެއްވެފައިވާ އަރިދަފުސް ބޭރުވުން 10 ދުވަހަށްވުރެ ދިގުމުއްދަތަށް ކުރިމަތިވުމަކީ ވަރަށް ގާތް ކަމެކެވެ. އަދި މިއީ ބެކްޓީރިޔާގެ ސަބަބުން ސައިނަސް ޖެހިފައިވާކަން ފާހަގަ ކޮށްދޭނެ ވަރުގަދަ ހެއްކެކެވެ.

ކުރު މުއްދަތަކަށް ސައިނަސް ޖެހުން ކުރިމަތިވެއްޖެނަމަ، ނޭފަތް ބެދުން، ކަރާއި ނޭފަތުން އަރިދަފުސް ބޭރުވާ މިންވަރު އިތުރުވުން، ކިބިހިއެޅުން، ހިތް ނުތަނަވަސްވުން، ވަރުބަލިވުން ފަދަ އުދަގޫތައް މެދުވެރި ވެއެވެ. ބައެއް ފަހަރު ހުންއައުމަކީ ވެސް ވެދާނެ ގޮތެކެވެ. މޫނުގައި ރިހުން ނުވަތަ ބޮލުގައި ރިހުން ހުރިނަމަ އޭގެ މާނައަކީ ސައިނަސްގެ ޙާލަތު އިތުރަށް ނުރައްކާވެގެން އައުމެވެ. އަރިދަފުސް ރޯގާ ޖެހުމަށްފަހު ހަފްތާއަކަށްވުރެ ގިނަ ދުވަސްވެފައިވާނަމަ ސައިނަސް ހުރިކަމުގައި ޝައްކު ކުރެވިދާނެ އެވެ. މިހާލަތުގައި ހުން ގަދަވެ، ކަރާއި ނޭފަތުން ބޭރުވާ ދަވަ ގިނަވެ، އޭގެ ކުލަ ރީނދޫ ނުވަތަ ފެހިކުލައަށް ހުރެދާނެއެވެ. ބައެއް ފަހަރު އަޑުކުރަކިވެ ކެއްސުން ކުރިމަތިވެދާނެއެވެ. މިގޮތުން ކުރިމަތިވާ ކެއްސުން ހެދުނާއި، ރޭގަނޑު އަދި ދަންވަރުގެ ވަގުތުތަކުގައި އިތުރުވެއެވެ. އެއީ ދަވަތައް ބޭރުނުވެ، ވައިނޮޅީގެ ތެރޭގައި ޖަމާވެފައި ހުންނާތީ އެވެ. ސައިނަސްގެ ސަބަބުން ކަރުގައި ހުންނަ ލިމްފް ގޮށްތައް ދުޅަވެ، ގޮށްލުން މެދުވެރިވުމަކީވެސް ވެދާނެ ގޮތެކެވެ.

ދިގުމުއްދަތަކަށް ސައިނަސް ޖެހުން އުނިއިތުރު ގެންނަވާ

ދިގުމުއްދަތަކަށް ސައިނަސް ޖެހުން މެދުވެރިވަނީ އާންމު ގޮެތެއްގައި ބެކްޓީރިޔާ ނުވަތަ ފަންގަސް ގެ ސަބަބުން ޖެހޭ އިންފެކްޝަނެއްގެ ސަބަބުންނެވެ. ދިގުމުއްދަތަކަށް ސައިނަސް ޖެހުން ކަމުގައި ބެލެވެނީ ސައިނަސްގެ އުދަގޫތައް 8 ހަފްތާއަށްވުރެ ދިގުމުއްދަތަކަށް ދިގުދެމިގެން ގޮސްފިނަމައެވެ. ބެކްޓީރިޔާ އަދި ފަންގަސް އިންފެކްޝަން ތަކަށް ފަރުވާ ކުރުމަކީ ބައެއް ފަހަރު އުދަގޫކަމަށް ވެދާނެއެވެ. ތިން ހަތަރު ފަހަރު ތަފާތު އެންޓިބަޔޮޓިކް ބޭނުންކޮށްގެން ދިގުމުއްދަތަކަށް ސައިނަސްޖެހުމަށް ލުޔެއް ނުލިބިއްޖެނަމަ ޑޮކްޓަރަކާއި މަޝްވަރާކޮށް ފަރުވާއަށް އެހެން ގޮތެއް އޮތްތޯ ބެލިދާނެއެވެ.

ދިގުމުއްދަތަކަށް ސައިނަސް ޖެހުމަކީ ވައިކޮތަޅުތަކުގެ އެތެރެއިން ލެވިފައިވާ ތެތްދުލިފަށް ތަކުގައި ދާއިމީ ބަދަލުތަކެއް އުފައްދާނެ ކަމެކެވެ. އަދި އެކަމުގެ ސަބަބުން އަވަސް އަވަހަށް ސައިނަސް ޖެހުމަށް މަގުފަހިވެގެން ދެއެވެ.

ދިގުމުއްދަތަކަށް ސައިނަސް ޖެހުމުން ފާހަގަކުރެވޭ އެންމެ އާންމު އެއް އަލާމާތަކީ ނޭފަތް ބެނދި، ކަރާއި ނޭފަތުން ދަވަ ނުވަތަ އަރިދަފުސް ބޭރުވާ މިންވަރު އިތުރުވެ، އެދަވަތައް ބޭރުވުމަށް ހުރަސްއެޅި، ވައިނޮޅީގައި ޖަމާވެފައި ހުރުމެވެ. ނަތީޖާއެއްގެގޮތުން ހެދުނާއި، ރޭގަނޑު އަދި ދަންވަރުގެ ވަގުތުތަކުގައި ކެއްސުން އިތުރުކުރުވައެވެ. މީގެ އިތުރުން އަނގައިން ނުބައިވަސް ދުވުން، ބޮލުގައި ރިހުން، އަދި މޫނުގައި ރިހުން މިއީ ވެސް ދިމާވެދާނެ ކަންތައްތަކެވެ.

ސައިނަސް ޖެހިފައިހުރިކަން ދެނެގަތުން އުނިއިތުރު ގެންނަވާ

ސައިނަސް ޖެހިފައި ހުރިތޯ ބަލައި ދެނެގަތުން ބަރޯސާ ވެފައި އޮންނަނީ ކުރިމަތިވާ އުދަގޫތަކާއި، ހެދޭ ޓެސްޓްތަކުގެ މައްޗަށެވެ. ކުރިމަތިވި އުދަގޫތަކުން އެއީ ކަނޑައެޅިގެން ސައިނަސް ކަން އެނގޭނަމަ އެހެން ޓެސްޓްތައް ހަދާކަން ނުޖެހޭނެއެވެ.

ޓެސްޓްތައް ހަދަންޖެހޭ ޙާލަތްތައް އުނިއިތުރު ގެންނަވާ

  • ފެންނަ އަލާމާތްތަކުން އެއީ ކަނޑައެޅިގެން ސައިނަސްކަން ބުނެދޭން އުދަގޫވުން
  • އެންޓިބަޔޮޓިކް ބޭނުންކުރުމުން ރަގަޅުނުވުން
  • ސައިނަސް އާއި ގުޅިގެން އިތުރު މައްސަލަތައް ދިމާވެފައިވާކަމަށް ޝައްކުވުން

ސައިނަސް ޖެހުމުން ހެދޭ ޓެސްޓްތައް އުނިއިތުރު ގެންނަވާ

ސައިނަސް ޖެހުމުން ބައެއް ފަހަރު ހަދަންޖެހޭ ޓެސްޓްތަކުގެ ތެރޭގައި އަންނަނިވި ޓެސްޓްތައް ހިމެނެއެވެ.

  • ކޮމްޕިއުޓެޑް ޓޯމޮގްރަފީ (ސީޓީ ސްކޭން) : މިއީ ވައިކޮތަޅު ތަކުގެ އެތެރެ ހުރިނެތްގޮތް ދައްކާދޭނެ ޓެސްޓް އެކެވެ. މިއީ ދިގުމުއްދަތަކަށް ސައިނަސް ޖެހިފައިވޭތޯ ބެލުމަށް ހަދައިއުޅޭ ޓެސްޓެކެވެ.
  • ވައިކޮތަޅުތަކުގެ އެކްސް-ރޭ ނެގުން : މިއީ ސައިނަސް ޖެހިފައި ހުރިތޯ ޔަގީންކުރުމަށް ބައެއް ފަހަރު ހަދާ ޓެސްޓެކެވެ. އެކްސް-ރޭ އަކީ ހަށިގަނޑުގެ އެކި ޓިޝޫތަކުގެ ޙާލަތު ދެނެގަތުމަށް ނަގައިއުޅޭ އެއްޗެކެވެ.
  • އިންޑޮސްކޯޕްގެ އެހީގައި ވައިކޮތަޅުތަކުގެ އެތެރެބެލުން: މިގޮތުން ވައިކޮތަޅު ތަކާއި ނޭފަތުގެ ހިނދުރީގެ އެތެރެ ހުރިނެތްގޮތް ބެލެވެއެވެ. އާންމު ގޮެތެއްގައި މިޓެސްޓް ހަދަނީ ދިގުމުއްދަތަކަށް ސައިނަސް ޖެހިފައިވާނަމައެވެ.
  • ސިރިންޖެއް ފަދަ އެއްޗެއް ވައިކޮތަޅަށް ފޯރުވައިގެން އެއިން ދިޔަ ނަގައިގެން އެއިންދުން : ބައެއް ފަހަރު ހެދޭ މިޓެސްޓްގެ ބޭނުމަކީ ސައިނަސް ޖެހުނީ ބެކްޓީރިޔާ، ވައިރަސް، ނުވަތަ ފަންގަސް ފަދަ ޖަރާސީމަކުންތޯ ބެލުން.
  • މެގްނެޓިކް ރިޒޮނެންސް އިމޭޖް (އެމްއާރުއައި) : މިޓެސްޓްގެ އެހީގައި އިންފެކްޝަން ވައިކޮތަޅުތަކުގެ ވަށައިގެންވާ ހިސާބަށް ފެތުރިފައިވޭތޯ ބެލިދާނެއެވެ. އަދި މީގެ އިތުރުން ނޭފަތް ނުވަތަ ވައިކޮތަޅު ތަކުގެ ތެރޭގައި އެއްވެސް ކަހަލަ ގޮށްގަނޑެއް ނުވަތަ ޓިއުމަރެއް ފަދަ އެއްޗެއް އާދޭތޯ ވެސް ބެލިދާނެއެވެ.

ސައިނަސް ޖެހުމުންދެވޭ ފަރުވާ އުނިއިތުރު ގެންނަވާ

ފަރުވާގެ މައިގަނޑު އަމާޒު އުނިއިތުރު ގެންނަވާ

ސައިނަސް ޖެހުމުން ދެވޭ ފަރުވާގެ މައިގަނޑު އަމާޒް ބިނާވެފައި އޮންނަނީ އަންނަނިވި ކަންތައްތަކުގެ މައްޗަށެވެ.

  • ކަރުތެރެ، ނޭފަތުގައި ހުރި ދަވަތައް ބޭރުކޮށް، ވައިކޮތަޅުގައި އުފެދިފައި ހުރި ދުޅަ ތިރިކުރުން
  • މޫނު އަދި ބޮލުގައި ހުރި ރިހުން ކުޑަކުރުން
  • އިންފެކްޝަންގެ އަސަރު ފިލުވާލުން
  • ނޭފަތް އަދި ވައިކޮތަޅު ތަކުގެ އެތެރެއިން ލެވިފައިވާ ތެތްދުލިފަށް ދާއިމީ ސިފައެއްގައި ހަލާކުވިޔަނުދިނުން

އާންމުގޮތެއްގައި ސައިނަސް ޖެހުމުން ބޭސް ދެނީ ބެކްޓީރިޔާގެ ސަބަބުން ސައިނަސް ޖެހުން މެދުވެރިވެފައިވާނަމަ އެވެ. ފަރުވާ ކުރެވޭ މުއްދަތު ސައިނަސް ޖެހިފައިވާ މިންވަރާއި ގުޅިގެން ތަފާތުވެއެވެ. ކުރުވެގެން 3 ދުވަހުގެ މުއްދަތުން ފެށިގެން ދިގުވެގެން ދެތިން ހަފްތާގެ މުއްދަތަށް ވެސް މިބައްޔަށް ފަރުވާ ކުރަންޖެހިދާނެއެވެ.

ބޭނުންކުރެވޭ ބޭސްތައް އުނިއިތުރު ގެންނަވާ

ސައިނަސް ޖެހުމުން ފަރުވާކުރުމަށް ބޭނުންކުރެވޭ ބޭސްތަކުގެ ތެރޭގައި

  • ބެކްޓީރިޔާ މަރައި ނެތިކޮށްލުމަށް ނުވަތަ އިންފެކްޝަން ނައްތާލުމަށް ދެވޭ ބޭސް(އިނގިރޭސި ބަހުން: Antibiotics)
  • ތަނދުކަނޑުވާ ބޭސްތައް (އިނގިރޭސި ބަހުން: Analgesics)
  • ނޭފަތުގެ އެތެރޭގެ އިންފްލެމޭޝަންގެ އަސަރު ކުޑަކުރުމަށްދީއުޅޭ ބޭސްތައް މިސާލު ކޯޓިކޮސްޓީރޮއިޑްސް (އިނގިރޭސި ބަހުން: Corticosteroids)
  • ދަވަތައް ވިރުވައި ބޭރުކުރުމަށް ދެވޭ ބޭސްތައް (އިނގިރޭސި ބަހުން: Mucolytics)
  • އެހެނިހެން ބޭސްތައް

ކުރު މުއްދަތަކަށް ސައިނަސް ޖެހުން މެދުވެރިވީ ބެކްޓީރިޔާއެއްގެ ސަބަބުން ކަމަށްވާނަމަ 10-5 ދުވަހާއި ދެމެދުގެ މުއްދަތަކަށް އެންޓިބަޔޮޓިކް ބޭނުންކުރަން ޖެހެއެވެ. ދިގުމުއްދަތަކަށް ސައިނަސް ޖެހުން މެދުވެރިވެފައިވާނަމަ 4-3 ހަފްތާ ވަންދެން އެންޓިބަޔޮޓިކް ބޭނުންކުރަންޖެހެއެވެ.

ގޭގައި ލިބިގަނެވިދާނެ ފަރުވާ އުނިއިތުރު ގެންނަވާ

  • ގިނަގިނައިން ދިޔާތަކެތި ބުއިން
  • ހޫނު ތުވާއްޔެއް ފަދަ އެއްޗަކުން ކޮންމެ ދުވަހަކު މޫނު މަސާޖް ކުރާށެވެ.
  • ތާފަނާ ފެނަށް ލޮނުކޮޅެއް އެއްކޮށްގެން އެއިން އަނގަޔާއި ނޭފަތް ދޮންނާށެވެ.
  • ބޮލާއި މޫނުގައި ރިހި ތަދުވާނަމަ ޕެނަޑޯލް ފަދަ ބޭހެއް ބޭނުންކުރެވިދާނެއެވެ.
  • މާބާރަށް ނޭފަތް ސާފުކުރުމަށް ނޭފަތް ނުފޮޅާށެވެ. ނޭފަތް ފޮޅާއިރު ނޭފަތުގެ ހިނދުރި ހުންނަންވާނީ ހުޅުވިފައެވެ.

ސައިނަސް ޖެހުމުން ބޭހުން ކުރެވޭ ފަރުވާއިން ހައްލެއް ނުލިބިއްޖެނަމަ ބައެއް ފަހަރު އޮޕަރޭޝަން ކުރަންޖެހެއެވެ. މިގޮތުން އާންމުކޮށް ހެދެނީ އިންޑޯސްކޮޕިކް ސާރޖަރީ އެވެ.

ސައިނަސް ޖެހުމުން ރައްކާތެރިވުން އުނިއިތުރު ގެންނަވާ

ސައިނަސް ޖެހުމުން ދުރުހެލިވެ، އެކަމުން ރައްކާތެރިވުމަށްޓަކައި އަންނަނިވި ކަންތައްތައް ކުރެވިދާނެއެވެ.

  • އަރިދަފުސް ރޯގާ ފަދަ ބަލިތަކުން މިންޖުވެހުރުމަށް މަސައްކަތްކުރުން: އަރިދަފުސް ރޯގާ އިންފުލުއެންޒާ ފަދަ ބަލިތަކުން މިންޖުވެ ހުރުމަށް މަސައްކަތްކުރުމުގެ އިތުރުން އަރިދަފުސް ރޯގާ ޖެހިއްޖެނަމަ ގިނަގިނައިން ދިޔާތަކެތި ބޭނުންކުރުމާއި، އަރާމްކުރުމަކީ މުހިއްމު ކަމެކެވެ. އަދި އެފަދަ ބަލިޖެހިފައި ތިބި މީހުންނާއި މާބޮޑަށް ގައިގޯޅިވެ ނޫޅޭށެވެ.
  • ހަމަހަމަކެއުމެއް ޚިޔާރުކުރުން : މިގޮތުން ކެއުމުގައި ތަފާތު ބާވަތްތައް ހިމަނަން ޖެހެއެވެ. އެއީ ހަށިގަނޑަށް ބޭނުންވާ ކާނާގެ މުހިއްމު ބައިތައް ފޯރުކޮށްދިނުމަށްޓަކައެވެ.
  • ވިޓަމިންސީ ބޭނުންކުރުން : ދާއިމީ ސިފައެއްގައި ވިޓަމިން ސީ ބޭނުންކުރުމަކީ ނޭފަތް އަދި ކަރުުތެރެ ސާފުކޮށްދީ އަރިދަފުސް ޖަމާވިޔަނުދީ ހިފަހައްޓައިދޭނެ ކަމެކެވެ.
  • ދުންފަތުގެ އިސްތިއުމާލު ނުކުރުން: ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ސައިނަސް ޖެހުމަށް މަގުފަހި ކުރުމުގެ އިތުރުން ސައިނަސްގެ ޙާލަތު އިތުރަށް ގޯސްކުރާނެ ކަމެކެވެ.
  • ގިނަގިނައިން ދިޔާތަކެތި ބުއިން : ދިޔާތަކެތި ބޭނުންކުރުމަކީ އަރިދަފުސް ރޯގާ، އިންފުލުއެންޒާ ފަދަ ބަލިތަކުން ދުރުކޮށްދޭނެ ކަމެކެވެ.