ގުރުވަ(ސައިންޓިފިކް ނަން: Terapon jarbua)ނުވަތަ (އިނގިރޭސި ބަހުން: Jarbua terapon)އަކީ ރާއްޖޭގެ ތިލަފަޅުފަޅު ގައްޔާއި ކުޅިކުޅީގައި ވަރަށް އާންމު މަހެކެވެ. ކިލަނބުގެ އަސަރު ހުންނަ ގޮޑުދޮށް ތަކުގައި ގުރުވަ ގިނައިން އުޅެއެވެ. ގުރުވަ އަކީ ޝިކާރަކޮށްގެން ކައިއުޅޭ މަހެކެވެ. މަހުގެ މައިގަނޑު ކާނާއަކީ ކަކުނި ފާނޑުގެ ސޫތްޕާއި ކުދިމަހެވެ. މީގެ އިތުރަށް އެހެނިހެން މަސްމަހަށް ހަމަލާދީ ހުޅުނބު ނައްޓުވާލައިގެން ވެސް ކައިއުޅެއެވެ. ގުރުވައަކީ އާންމު ގޮތެއްގައި ފެނުގަޔާއި ފެނުގެ އަސަރު ކޮށްފައިވާ ހިސާބުތަކުގައި އުޅޭ މަހެއް ކަމަށް ވިޔަސް ބިސްއަޅާ ވިހެއުމަށްޓަކައި ގިނަފަހަރު ކަނޑަށް ނިކުންނަ ކަމަށްވެއެެވެ. ގުރުވަ އެންމެ ބޮޑުވަނީ 32 ސެންޓި މީޓަރަށެވެ. ގުރުވަ އަކީ ވަރަށް ފަސޭހައިން ފެނަށްދިރޭ ދިވެހި ކުޑަކުދިންގެ ތެރޭގައި ވަރަށް މަޝްހޫރު މަހެކެވެ.

ގުރުވަ

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 11 އާއި 12 އާއި ދެމެދުގެ އަދަދަކަށް ހަރުކައްޓާއެކު 9 އާއި 11 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. ބަނޑުދަށް ފަރާތުގެ ކޮތަރިބައިގައި 3 ހަރުކައްޓާއެކު 7 އާއި 10 އާއި ދެމެދުގެ މަޑުކަށި ހުރެއެވެ. ގުރުވައިގެ ކަރުތާފަތްގަނޑުގެ ދެއަރިމަތީގައި ދެކަށި ހުރެއެވެ. މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި ކަށި ހުންނަ ބައިގެ ކުރީކޮޅުގައި ބޮޑު ކަޅު ލަފެއް ހުރެއެވެ. މަހުގެ ނިގޫފަތުގައި ދިގަށް ދަމާލެވިފައިވާ ތިން ކަޅު ރޮނގު ހުރެއެވެ. އަދި މަހުގެ ދެފަރާތުގައި ވެސް ތިރިއަށް ލެބިފައިވާ ތިން ރޮނގު ހުރެއެވެ. ތިންވަނަ ރޮނގު މަހުގެ ނިގޫފަތުގެ ކޮޅުން ފެށިގެން ދެމިފައި ހުރެއެވެ. މަހުގެ ކުލައަކީ ރިހިކުލަ އެވެ.