ލައްޖެހި ބިބީ (ސައިންޓިފިކް ނަން: Chaetodon guttatissimus)ނުވަތަ (އިނގިރޭސި ބަހުން: Peppered butterflyfish) އަކީ ރާއްޖޭގެ ފަރުފަޅުތަކުގައި ވަރަށް ގިނައިން އުޅޭ މަހެކެވެ. މިމަސް ގިނައިން އުޅެނީ ޖޯޑުޖޯޑަށެވެ. ނަމަވެސް މަދުމަދުން ކުދިއައިން ހަދައިގެން ދުވެއުޅޭތަން ފެނެއެވެ. މިމަސް އެންމެ ބޮޑުވާކަމަށްވަނީ ގާތްގަނޑަކަށް 5 އިންޗި އެވެ. ދިވެހިންގެ ތެރޭގައި މިމަހަށް ވަކިނަމެއް ކިޔައި ނޫޅޭތީ މަހުގެ ޢިލްމީ ނަމާއި، އިގިރޭސި ނަމާއި، ގުޅޭގޮތުން މަހުގެ ސިފަޔަށް ވިސްނާ މިމަހަށް ލައްޖެހި ބިބީ ކިޔާފައިވަނީ އެވެ.

ލައްޖެހި ބިބީ

މިމަހުގެ ކާނާ އަކީ ކުދިކުދި ފަންޏާއި، ފެއްސާ، މުރަކައާއި، ގާތަކުގެ ކުދި ލޯވަޅުތަކުގައި ތިބޭ ކުދިކުދި ފަނިފަކުސައެވެ. މަހުގެ ބުރަކަށިމަތީ ކޮަތަރިބައިގައި 13 ހަރުކައްޓާއެކު 22 ނުވަތަ 23 މަޑުކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގައި ހަރުކޮށް ހުންނަ 3 ކައްޓާއެކު 16 އާއި 18 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. ކަންފަތުގައި 14 މަޑުކަށި ހުރެއެވެ.

މަހުގެ ކުލައަކީ ފެހި ރީނދޫ ކުލައެވެ. މަހުގެ ލޮލާއި ނިގޫފަތް ހުރަސްކޮށް ކަޅުކުލައިގެ ފުޅާ ރޮނގެއް ހުރެއެވެ. މަހުގެ ނިގޫފަތުގެ ބުޑުދަށުގައި ވެސް ފަނޑުކޮށް ހުންނަ ރޮނގެއް ހުރަހަށް ހުރެއެވެ. ދެއަރިމަތީ ގައްޔާއި ބުރަކަށި މައްޗާއި، ބަނޑުދަށް ފަރާތު ކޮތަރިބައިގައި ކަޅުކުލައިގެ ލައްތަކެއް ހުރެއެވެ. މިލައްތައް ހުންނަނީ ރޮނގާއި ދިމާވާ ގޮތަށް ތަރުތީބަކުންނެވެ. ބުރަކަށި މަތީ ކޮތަރިބަޔާއި، ބަނޑުދަށް ފަރާތު ކޮތަރިބައިގެ ކައިރިފަށް ހުންނަނީ ރީނދޫ ކުލައިގައެވެ.