ފަރި ދިދަ ފުންނަ (ސައިންޓިފިކް ނަން: Nemateleotris decora)ނުވަތަ (އިނގިރޭސި ބަހުން: Elegant dart fish)އަކީ ރާއްޖޭގެ ފަރުފަޅުތަކުގެ ބޭރުން ގާތްގަނޑަކަށް 25-75 މީޓަރާއި ދެމެދުގެ ފުންމިނުގައި އުޅޭ މަހެކެވެ. މިފުންނަ އެންމެ ބޮޑުވަނީ 6 ސެންޓިމީޓަރަށެވެ. މިއީ ފުން ގުންޑޮޅިތަކުގައި އަމިއްލަ ޖަގަހައެއް ހަދައިގެން ފިލާއުޅޭ މަހެކެވެ. މިފުންނަ އާންމުކޮށް ކައިއުޅެނީ ކަނޑުގައި އުޅޭ ކުދި ފަނިފަކުސައެވެ. ދިރޭ ކުދިމަސް ބޭރުކުރާ ފަރާތްތަކުން މިބާވަތުގެ ދިދަ ފުންނަ ހިފުމަށް ޝައުގުވެރިކަން ދެއެވެ. އަދި މިއީ ރާއްޖޭގައި އުޅޭ ފުންނައިގެ ބާވަތްތަކުގެ ތެރެއިން އެންމެ ފަރި ރީތި މަސްވެސް މެއެވެ. މަހުގެ ސިފަޔަށާއި އެންމެ އަޅައިގަންނަ ކުލަވަރަށް ވިސްނާ ފަރި ދިދަފުންނަ ކިޔާފައިވަނީ އެވެ.

ފަރި ދިދަ ފުންނަ

މަހުގެ ބުރަކަށިމަތީ ފުރަތަމަ ކޮތަރިބައިގައި 6 ހަރުކަށި ހުރެއެވެ. ދެވަނަ ކޮތަރިބައިގައި 1 ހަރުކައްޓާއެކު 27 އާއި 32 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. މަހުގެ މަތީ ކޮތަރީގެ ފުރަތަމަ ކަށިމައްޗަށް ދިދައެއް ގޮތަށް ވަރަށް އުސްކޮށް ހިއްލިފައި ހުރެއެވެ. މަހުގެ ބޯކޮޅުގެ ކުލައަކީ ހުދުކުލަ އެވެ. މިކުލަ މަހުގެ ފަހަތަށް ގަދަވެ ގަދަ ވައިލެޓް ކުލައަކަށް ނިގޫކޮޅު ހުރެއެވެ. މަހުގެ ތުނބާއި ލޯމަތީގައި ގަދަ ވައިލެޓް ކުލައެއް ފާޅުކޮށް ހުރެއެވެ. އަދި ތުންކޮޅު ހުންނަނީ ފަނޑު ދަނބުކުލައެއްގައެވެ. މަހުގެ ކޮތަރިތަކުގައި ރަތް ދިހުން ކުލައިގެ ފުޅާ ރޮނގެއް ހުރެއެވެ.