އައްޝައިޚް އިބްރާހީމް އަޙުމަދު

އައްޝައިޚް އިބްރާހީމް އަޙްމަދަކީ ފ.ނިލަންދުއަށް އުފަން ޢިލްމީ ބޭފުޅެކެވެ. އޭނާވަނީ ސަރުކާރުގެ ތަފާތު މަޤާމުތައް ފުރުއްވައިފައެވެ. އަދި އުވިގެންދިޔަ ޚާއްޞަ މަޖިލީހުގެ ފ.އަތޮޅުގެ މެންބަރުކަން ވެސް އިބްރާހީމް އަޙްމަދު ކުރައްވައިފައި ވެއެވެ. އިބްރާހީމް އަޙްމަދު ފުރަތަމަ ޑިގުރީ ހާސިލުކުރެއްވީ ތާރީޚުގެ ދާއިރާއިން އެކުވެރި ޢަރަބި ޢިމާރާތުގެ ޔުނައިޓަޑް އަރަބް އެމިރޭޓްސް ޔުނިވަރސިޓީން 1997 ވަނަ އަހަރުއެވެ. މާސްޓާރސް ޑިގުރީ ހާސިލުކުރެއްވީ ފިޤުހާއި އުޞޫލުލް ފިޤުހުން މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީން 2013 ވަނަ އަހަރުއެވެ. މީގެ އިތުރުން 2008 ވަނަ އަހަރު އިމާމުން ތަމްރީނު ކުރުމުގެ ކޯހަކާއި، 2016 ވަނަ އަހަރު ފަތުވާ ދިނުމުގެ މަސައްކަތާ ބެހޭ ޓްރެއިނިންގ ކޯހެއް އަޒްހަރުގައި ފުރިހަމަ ކުރައްވާފައިވެއެވެ.

އައްޝައިޚް އިބްރާހީމް އަޙްމަދު

އައްޝައިޚް އިބްރާހީމް އަޙްމަދު ލިޔުއްވައިފައިވާ ފޮތްތަކުގެ ތެރޭގައި، [سيرة الرّســول صـلّى الله علـيـه وسـلّم] އާއި، [ރަށްވެހިކަމާއި ގޮންޖެހުން] މިފޮތާއި، [މައްކާގެ މުޤައްދަސް ތަންތަން] މި ފޮތާއި، ޤައުމީ ޔުނިވަރސިޓީގައި ކިޔަވައިދޭ [ރަސޫލާއާއި ޚަލީފާއިންގެ ސީރަތު] މިފޮތާއި، [އިސްލާމިކް ހިސްޓްރީ 1] މި ފޮތާއި، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި ކިޔަވައިދިނުމުގައި ބޭނުންކުރަމުންގެންދާ [ޞަލީބީ ހަނގުރާމަ] މިފޮތާއި، ވިލާ ކޮލެޖްގައި ކިޔަވައިދިނުމުގައި ބޭނުންކުރަމުންދާ [އިސްލާމީ ޝަރީޢާގެ ތާރީޚާއި މަސްދަރުތައް] މި ފޮތް ހިމެނެއެވެ. މީގެއިތުރުން، ކީރިތި ރަސޫލާގެ ޙަދީޘްފުޅުތަކުގެ އަލީގައި، ފުރާވަރު ކުދިންނަށް އަމާޒުކޮށްގެން [ޢިބުރަތުގެ ސިލޭހަ] ގެ ނަމުގައި އިސްލާމީ ތާރީޚީ ތެދު ވާހަކަތަކެއް ކުރުކޮށް ލިޔުއްވާފައިވެއެވެ.

އައްޝައިޚް އިބްރާހީމް އަޙްމަދަކީ، ހުކުރުނަމާދާއި ޢީދު ނަމާދު އިމާމުވެ ކުރައްވާ ބޭފުޅެކެވެ. އަދި ނުބައްލަވާ ޚުޠުބާ ވިދާޅުވުމުގެ ހުއްދަވެސް ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.

އައްޝައިޚް އިބްރާހީމް އަޙްމަދު ދީނީ ހޭލުންތެރިކަން ކުރިއެރުވުމަށް ކުރެއްވި މަސައްކަތްޕުޅުގެ އަގުވަޒަންކޮށް އިސްލާމްދީނުގެ ހޭލުންތެރިކަން އިތުރުކުރުމާއި، ޚިދުމަތް ކުރުމާއި، ދީނީ ޢިލްމު އުނގަންނައިދިނުމުގެ ދާއިރާއިން ހިތްވަރުދިނުމުގެ ޤައުމީ އިނާމު 2016 ވަނަ އަހަރު ވަނީ ލިބިވަޑައިގެންފައެވެ.

ތައުލީމް ޙާޞިލް ކުރެއްވުން އުނިއިތުރު ގެންނަވާ

  • މަޢުހަދުއް ދިރާސާތުލް އިސްލާމިއްޔާ
  • ޔުނައިޓެޑް ޢަރަބް އެމިރޭޓްސް ޔުނިވަރސިޓީ، ދުބާއީ، އެކުވެރި ޢަރަބި ޢިމާރާތް
  • އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ - ކުއަލަލަމްޕޫރު، މެލޭޝިޔާ

އަދާކުރެއްވި ވަޒީފާތައް އުނިއިތުރު ގެންނަވާ

  • ދިވެހި މުދައްރިސް: މަޢުހަދުއް ދިރާސާތިލް އިސްލާމިއްޔާ
  • ގުރްއާން މުދައްރިސް : މަޢުހަދުއް ދިރާސާތިލް އިސްލާމިއްޔާ
  • އެސިސްޓެންޓް ލެކްޗަރަރ : ކޮލެޖް އޮފް އިސްލާމިކް ސްޓަޑީޒް
  • އެގްޒަމިނޭޝަން އޮފިސަރ : ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން
  • އާންމު މެންބަރު: ޖުޑީޝަލް ސާރވިސް ކޮމިޝަން
  • މިނިސްޓަރުގެ ނާއިބު: މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
  • މެންބަރު: ފިޤުހު އެކަޑަމީ
  • ނާއިބު ރައީސްކަމާއި މެންބަރުކަން: އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލިސް