ކުޑަކަމުދާ ނިޒާމްގައި ޖަރާސީމް އަށަގަތުން

ކުޑަކަމުދާ ނިޒާމްގައި ޖަރާސީމް އަށަގަތުން (އިނގިރޭސި ބަހުން: urinary tract infection) އަކީ ބެކްޓީރިޔާ އެއްގެ ސަބަބުން ކުޑަކަމުދާ ނިޒާމްގެ އެއްވެސް ހިސާބަކަށް އޭގެ އަސަރު ކުރުމެވެ. ހަށިގަނޑަށް އެއްވެސް ސިފައެއްގައި ވަންނަ ބެކްޓީރިޔާއެއް ގުރުދާ ، ނުވަތަ މަސާނާ އަށް ވާޞިލްވެއްޖެނަމަ އެ ބެކްޓީރިޔާއެއް ކުޑަކަމުދާ ތަކެތީގެ ތެރޭގައި އިތުރުވެ، މުޅި ކުޑަކަމުދާ ނިޒާމް ޖަރާސީމް އަށަގަންނުވައެވެ.

ކުޑަކަމުދާ ނިޒާމްގައި ޖަރާސީމް އަށަގަތުމުގެ އެންމެ ޢާންމު ވައްތަރަކީ މަސާނާ ދުޅަވުން އެވެ. ދެވަނަ ވައްތަރަކީ ޕައިއެލޯނެފްރައިޓިސް އެވެ. ފަހުގެ ދިރާސާ އަކުން ދައްކާ ގޮތުގައި ގާތުން ދިނުމަކީ ކުޑަކުދިންނަށް ކުޑަކަމުދާ ނިޒާމްގައި ޖަރާސީމް އަށަގަތުން ކުޑަކޮށްދޭނެ ކަމެކެވެ. ކުޑަކަމުދާ ނިޒާމަށް ޖެހޭ ބަލިތަކަކީ ދިވެހިރާއްޖޭގައި ވަރަށް ޢާންމު ބަލިތަކެކެވެ. ސަބަބަކީ ދިވެހިރާއްޖެއަކީ ހޫނު ގަދަ ތަނަކަށްވެފައި، ބަލީގެ ޖަރާސީމް މިނިޒާމަށް ފެތުރުމަށް މެދުވެރިވާ އެންމެ އާންމު ސަބަބުކަމަށްވާ މަދުން ފެންބުއިމުގެ އާދަ ގިނަބަޔަކު ގެންގުޅޭތީ އެވެ.

މިބަލީގެ ޖަރާސީމް ހަށިގަނޑަށް ވަންނަނީ ކުރިމަތި ފަރާތުންނެވެ. ޖަރާސީމް ވަނުމުން އިންފެކްޝަން އުފެދި، އޭގެ ސަބަބުން ފާރުވާގޮތްވެ، ބަލީގެ އަސަރު ކުޑަކަމުދާ ހޮޅިން މައްޗަށް އަރަމުން ގޮސް މިނިޒާމްގެ އެކި ބައިތަކަށް ބަލިޖެހެނީއެވެ. ކުޑަކަމުދާ ނިޒާމްގެ ބައްޔެއް ޖެހުމުން ދިމާވާ އެންމެ ބޮޑު މައްސަލައަކީ އެކަމާ ބެހޭގޮތުން ޑޮކްޓަރަށް ދައްކަން ލަދުގަނެ، ބަލީގެ ވާހަކަ ހާމަކުރަން ނުކެރުމެވެ. ބަލިހުރި ވާހަކަ ބުނަން ޖެހިލުންވެ، ގިނަ ދުވަސްވުމަކީ ބަލި އިތުރަށް ގޯސްވުމަށް މެދުވެރިވާ އެއް ސަބަބެވެ. ވީމާ މިއީ ކޮންމެ މީހަކަށްމެ ދިމާވެދާނެ މައްސަލައެއް ކަމަށް ވިސްނައި، ކުޑަކަމުދާ ނިޒާމަށް އެއްވެސް މައްސަލައެއް ޖެހިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރެއް ނުވަތަ ޞިއްޙީ އެހީތެރިއެއްގެ ލަފާހޯދުމަކީ އެންމެ އިސްކަންދޭންވީ ކަންތަކެވެ.

ކުޑަކަމުދާ ނިޒާމަށްޖެހޭ ބަލިތައް އުނިއިތުރު ގެންނަވާ

ޒުވާން އަންހެންކުދިން ކުޑަކަމުދާއިރު ތަދުވުން، ކުރިމަތިފަރާތު ދޮރު އާދަޔާ ޚިލާފަށް ރަތްކޮށްހުރުން، ދިލަނެގުން ފަދަ ކަމެއް ހުންނަނަމަ އެއީ:-

  • ފަންގަލް އިންފެކްޝަން އެއް ހުރުން
  • ނުގުޅޭ ސައިބޯންޏެއް ފަދަ އެއްޗެއް ބޭނުންކުރެވުމުގެ ސަބަބުން ދިމާވެފައިވާ ކަމެއްހުރުން ( އެއްޗަކަށް ނުގުޅުން )
  • ޖިންސީ ގުޅުމުން ޖެހޭ ބައްޔެއް ޖެހިފައިހުރުން
  • ޖިންސީ ގުނަވަނަށް ހާނީއްކައެއް ލިބިފައި ހުރުން

ކުޑަކަމުދާ ނިޒާމް އަށް ޖެހޭ ބަލިތަކުގެ ތެރެއިން ގުރުދާއަށް ޖެހޭ ބައްޔެއްކަމުގައިވާ ޕައިއެލޯނެފްރައިޓިސް އަދި މަސާނާ އަށް ޖެހޭ ބައްޔެއް ކަމުގައިވާ މަސާނާ ދުޅަވުން އަކީ ޖަރާސީމެއްގެ ސަބަބުންޖެހޭ ބަލިތަކެކެވެ. މިބަލި ޖެހިފައި ބޮޑުވަރުވެއްޖެނަމަ ހުންއައުން، ބޮލުގައި ރިހުން، ތުރުތުރުއެޅުން އަކީ ވެދާނެ ގޮތެކެވެ. ފިރިހެނުންނަށްވުރެ ކުޑަކަމުދާ ނިޒާމްގެ ބަލިތައް ޖެހުމުގެ ފުރުޞަތު ބޮޑީ އަންހެނުންނަށެވެ. ސަބަބަކީ އަންހެނުންގެ ކުރިމަތިފަރާތު ދޮރު ނުވަތަ ފަރުޖު އާއި ފުރަގަސް ފަރާތު ދޮރު ކައިރިކޮށް ހުރުމާއި، ކުޑަކަމުދާ ހޮޅި ކުރުކޮށް އިންނާތީ ޖަރާސީމް ފަސޭހައިން އެތެރެއަށް ވާޞިލްވާތީއެވެ.

ސަބަބުތައް އުނިއިތުރު ގެންނަވާ

ކުޑަކަމުދާ ނިޒާމްގެ ޖަރާސީމް އެޅުމުގެ ސަބަބުތައް އެކި އުމުރުގައި ތަފާތެވެ.

ބޮޑުކަމުގޮސް ތާހިރުވުމުގައި ފަރުވާކުޑަކުރުން އުނިއިތުރު ގެންނަވާ

ކުޑަކަމުދާ ނިޒާމްގެތެރެއަށް ޖަރާސީމް އާންމުކޮށް ވަންނަނީ ކުޑަކަމުދާ ހޮޅީގެ ތެރެއިން ލާފައެވެ. އަންހެނުންނަށް ބަލާއިރު މިއީ އެންމެ 4 ސމ ވަރުގެ ކުރުހޮޅިއެކެވެ. ވުމާއެކު އަންހެނުންނަށް މިމައްސަލަ ގިނައިން ދިމާވުމުގެ އަސްލަކީ މިއީކަމަށް ވެދާނެއެވެ. މިގޮތަށް ވަންނަ ޖަރާސީމް ގިނަފަހަރު އަންނަނީ ބޮޑުކަމުދާ އެއްޗެތިންނެވެ. ބޮޑުކަމުދާ ތަކެތި އެކުލެވޭ ނިޒާމް ނުވަތަ ހަޖަމުކުރާ ނިޒާމް ގެ ފަހަތު ބައިތަކަކީ އެތަނުގައި ބެކްޓީރިޔާ ފަދަ ޖަރާސީމްތައް ދިރިއުޅޭ ތަނެކެވެ. ވުމާއެކު ބޮޑުކަމުދިއުމަށްފަހު ތާހިރުވުމުގައި ފަރުވާ ކުޑަކޮށްފިނަމަ އެތަނުގައި އެކުލެވޭ ޖަރާސީމް ކުޑަކަމުދާ ނިޒާމް އަށް ފޯރުމަކީ ވަރަށް ގާތްކަމެކެވެ. ދުވަސްކޮޅެއް ކުރިން ދިވެހިން ބޮޑުކަމުގޮސް ތާހިރުވުމުގައި ފެންއަޅަނީ ފުރަގަސް ފަރާތުންނެވެ. އޭގެ ސަބަބުން ނަޖިހާއި އެކުވެފައިވާ ފެން ކުރިމަތި ފަރާތަށްއާދެއެވެ. ދިވެހިންނަށް ޚާއްޞަކޮށް އަންހެނުންނަށް މިމައްސަލަ ދިމާވުމުގައި މިއީ ވަރަށް މުހިއްމު ސަބަބެއްކަމުގައި ފެނެއެވެ.

އެހެންސަބަބުތައް އުނިއިތުރު ގެންނަވާ

  • ކުޑަކަމުދާ ނިޒާމް އުފެދުމުގައި ދިމާވެފައިވާ އާދަޔާ ޚިލާފު ކަމެއްގެ ސަބަބުން ކުޑަކަމުދާ ތަކެތި ބޭރުކުރަން އުދަގޫވުން
  • ޕްރޮސްޓޭޓް ގްލޭންޑް ދުޅަވުމުގެ ސަބަބުން ކުޑަކަމުދާ ތަކެތި ރަގަޅަށް ހުސްނުކުރެވުން
  • ކުޑަކަމުދާ ނިޒާމްގެ ކޮންމެވެސް ހިސާބެއްގައި ހިލަކޮޅެއް އުފެދި އޭގެ ސަބަބުން ކުޑަކަމުދާ ތަކެތި ބޭރުނުކުރެވި ގިނައިރުވުން
  • ކުޑަކަމުނުދެވުމުގެ ސަބަބުން ޖަމާވެފައިވާ ކުޑަކަމުދާ ތަކެތި ބޭރުކުރުމަށްޓަކައި އެނިޒާމަށް ހޮޅިއެއްލެއްވުން
  • ހަކުރު ބަލި ޖެހުން
  • ފެންބުއިން މަދުވުން: މިކަމުގެ ސަބަބުން ކުޑަކަމުދާ ތަކެތި މަދުވެ، އޭގެ ކޮންސެންޓްރޭޝަން މަތިވެ، އޭގައި ފަސޭހަ ކަމާއެކު ޖަރާސީމް އަށަގަންނަގޮތް ވެއެވެ.
  • މާބަނޑުވުން: މާބަނޑު އަންހެނުންނަށް މިމައްސަލަ ދިމާވަނީ ބަލިވެ އިނުމުގެ ސަބަބުން ހަށިގަނޑުގައި ދައުރުކުރާ ހޯރމޯންތަކަށް ބަދަލު އައުމާއި، ރަހިމު ބޮޑުވުމުގެ ސަބަބުން ކުޑަކަމުދާ ނިޒާމްގެ ބައެއް ބައިތަކަށް ވާންވެ، ދެމި، އެތުރުންތަކަށް ބަދަލުއަންނާތީ އެވެ. މީގެ ސަބަބުން ކުޑަކަމުދާ ނިޒާމްގެ ތެރޭގައި ބެކްޓީރިޔާ ދަތުރުކުރުމަށް ފަސޭހަތަކެއް ވާކަމަށް ބެލެވެއެވެ.
  • ޖިންސީ ގުޅުން ހިންގުން: ބަލިޖެހިފައިވާ މީހަކު ސަލާމަތުން ހުރި މީހަކާއެކު ޖިންސީ ގުޅުން ހިންގައިފިނަމަވެސް ބަލި ނަގުލުވެދާނެއެވެ.

ކުޑަކަމުދާ ނިޒާމަށް ބަލިޖެހުމުގެ އަލާމާތްތައް އުނިއިތުރު ގެންނަވާ

  • ކުޑަކަމުދާއިރު ދިލަނެގުން އަދި ތަދުވުން
  • ކުޑަކަމުގޮސް ނިމޭއިރު ތަދެއް އިހްސާސްވުން
  • ދަށްބަނޑުކޮޅަށް ތަދުވުން، ނުވަތަ ދަށްބަނޑުގައި ރިހުން
  • ކުޑަކަމުދިއުން ކޮންޓްރޯލް ނުކުރެވުމާއެކު އަބަދު ތިކިޖެހިޖެހި ހުރުން
  • ކުޑަކަމުދާ ހޮޅިއަށް ތަދުވުން
  • ކުޑަކަމުދާ ތަކެތީގައި ނުބައިވަސްދުވުން ނުވަތަ ނުބައިވަސް ހުރުން
  • ބައެއް ފަހަރު ދަށްބަނޑާއި އުނަގަނޑު މައްޗަށް އުދަގޫވެފައި ހުރުން ނުވަތަ އަރިކައްޓާއި ދިމާލުން ބަނޑުގެ އަރިމަތީގައި ރިހުން
  • އަވަސް އަވަހަށް ކުޑަކަމުދާން ޖެހުނު ނަމަވެސް ނުދެވުން، ނުވަތަ ކުޑަކަމުދާންވެއްޖެ ކަމުގެ އިހްސާސްވުމާއެކުވެސް ކުޑަކަމުނުދެވުން
  • ގުރުދާ އާއި ދިމާއިން އުނަގަނޑުމަތީގައި ރިހުން ހުރުން
  • ކުޑަކަމުދާ ތަކެތީގައި ލޭގެ އަސަރުހުރުން : މިހެން ދިމާވެދާނެ ސަބަބުތަކުގެ ތެރޭގައި ގުރުދާ އާއި ދިމާގައި އެއްޗަކުން ބާރަށް ޖެހިފައިވުން، ގުރުދާގައި ހިލަހުރުން، ކުޑަކަމުދާ ނިޒާމްގެ ބައްޔެއްހުރެ ބޮޑުވަރުވުން ހިމެނެއެވެ. ކުޑަކަމުދާ ތަކެތީގެ ކުލަ މިހާލަތުގައި ހުންނާނީ ރަތް ނުވަތަ ފިޔާތޮށި ކުލައެއްގައެވެ.
  • މޭނުބައިކުރުމާއެކު ހޮނޑުލެވުން
  • ގަދަޔަށް ހުންއައުމާޢެކު ހީކެރުވުން

ބަލި ދެނެގަތުން އުނިއިތުރު ގެންނަވާ

  • ކުޑަކަމުދާ އެއްޗެތީގެ ޓެސްޓް ހެދުން: މިއީ ކުޑަކަމުދާ ނިޒާމްގައި ޖަރާސީމް އެޅުމުން ހެދޭ އެންމެ މުހިއްމު އެއް ޓެސްޓެވެ.
  • ލޭގެ ޓެސްޓް ހެދުން
  • ކުޑަކަމުދާ ތަކެތީގެ ކަލްޗަރ: މިއީ ކުޑަކަމުދާ ނިޒާމްގައި އަށަގަނެފައިވާ ޖަރާސީމްގެ ވައްތަރު ދެނެގެނެ، ދޭން ޖެހޭ ބޭސް ކަނޑައެޅުމުގައި އެހީތެރިވެދޭނެ ކަމެކެވެ.
  • ސިސްޓޮސްކޮޕީ: މިއީ ކުޑަކަމުދާ ހޮޅީގެ ތެރެއަށް ކެމެރާއެއް ލައްވައިގެން މިނިޒާމްގެ އެތެރެ ބަލައިހެދޭ ޓެސްޓެކެވެ. އަދި މިއީ ޖަރާސީމްގެ އަސަރު މިނިޒާމްގެ އެތެރޭގެ ބައިތަކަށް ކޮށްފައިވާ ކަމަށް ޝައްކުކުރެވި ފުރަތަމަ ދެވުނު ފަރުވާއިން ރަގަޅުނުވާނަމަ ހެދިދާނެ ޓެސްޓެކެވެ.
  • އަލްޓްރާ ސައުންޑް ސްކޭން : ސްކޭން ކުރުމަކީ ގުރުދާ އަދި ގުރުތާ އާއި މަސާނާ އަދި ކުޑަކަމުދާ ހޮޅީގައި ހުންނަ މައްސަލަތައް ދެނެގަތުމުގައި އެހީތެރިވެދޭނެ ކަމެކެވެ.

ޑޮކްޓަރަށް ދައްކަންޖެހޭ ޚާއްޞަ ހާލަތްތައް އުނިއިތުރު ގެންނަވާ

ކުޑަކަމުދާ ނިޒާމަށް ޖެހޭ ބަލީގެ އަލާމާތްތައް ހުރެ ތިރީގައިމިވާ ކަންތައްތަކުން ކަމެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދައްކަންވާނެއެވެ.

  • ކުޑަކަމުދާއިރު ލޭ ނުވަތަ ދޮސް ހުރުން
  • މޭނުބައިކުރުން އަދި ހޮނޑުލެވުން
  • އުނަގަނޑު މައްޗާއި، އުކުޅުވަޅު، އަދި ޖިންސީ ގުނަވަންތައް ހިމެނޭ ހިސާބުގައި ރިހުން
  • ހީކަރުވައި ހުން ވައްތަރުވުން
  • ކުޑަކަމުދާން ބޭނުންވިޔަސް ނުދެވުން
  • މާބަނޑު މީހަކަށް މިފަދަ އަލާމާތެއް ދިމާވުން
  • ހަކުރު ބަލި ޖެހިފައިވާ މީހަކަށް މިފަދަ ކަމެއް ދިމާވުން
  • ޖިންސީ ގުނަވަނަކަށް ހާނީއްކައެއްވެގެން މިފަދަ އަލާމާތެއް ފެނުން.

ފަރުވާ އުނިއިތުރު ގެންނަވާ

ކުޑަކަމުދާ ނިޒާމްގައި މައްސަލައެއް ހުރިކަމުގެ އެއްވެސް އަލާމާތެއް ފާހަގަކުރެވިއްޖެނަމަ އަމިއްލައަށް ދެވިދާނެ ފަރުވާތައް އަވަހަށް ފެށުން މުހިއްމެވެ. އޭގެ ތެރޭގައި :-

  • ގިނައިން ފެންބުއިމަށްފަހު އަވަސް އަވަހަށް ކުޑަކަމުދިއުން
  • މިފަދަ އަލާމާތެއް ފާހަގަކުރެވޭނަމަ ރަގަޅުވަންދެން އެއްދާންވުމުން ދުރުހެލިވުން

މިފަދަ ފަރުވާއެއް ކޮށްގެން ލުޔެއް ނުލިބޭނަމަ ލަސްނުކޮށް ޞިއްހީ ލަފާދޭ ފަރާތަކާއި މަޝްވަރާކުރުން މުހިއްމެވެ.

ޖަރާސީމް މެރުމަށް ބޭނުންކުރާ ބޭސް ބޭނުންކުރުމަކީ ކުޑަކަމުދާ ނިޒާމްގައި ޖަރާސީމް އެޅުމުން ދެވޭ އެންމެ މުހިއްމު އެއް ބޭހެވެ. އެންޓި ބަޔޮޓިކްގެ ވައްތަރު ކަނޑައެޅުމުގައި ކުޑަކަމުދާ ތަކެތީގެ ޓެސްޓް ރިޕޯޓް ވަރަށް މުހިއްމު ދައުރެއް އަދާކުރާނެއެވެ. ޖަރާސީމްގެ އަސަރު ގުރުދާއާއި ހަމައަށް ފޯރައި، މުޅި ކުޑަކަމުދާ ނިޒާމްގައި މައްސަލަ ޖެހި ޙާލަތު ދަށަށްގޮސްފައިވާ ބަލިމީހުން ހޮސްޕިޓަލްގައި އެދުމަތިކޮށް ފަރުވާ ދޭންޖެހެއެވެ.

ކުޑަކަމުދާ ނިޒާމަށް ޖެހޭ ބަލީގެ އަސަރު ނުފިލާ ގިނަދުވަހު ހުރުމުގެ ފުރުޞަތުބޮޑު ފަރާތްތައް އުނިއިތުރު ގެންނަވާ

ބަލިން ރައްކާތެރިވުން އުނިއިތުރު ގެންނަވާ

ކުޑަކަމުދާ ނިޒާމަށް ޖެހޭ ބަލިތަކުން ރައްކާތެރިވުމަށްޓަކައި އެޅިދާނެ ފިޔަވަޅުތައް ތިރީގައި މިވަނީއެވެ.

  • ގިނައިން ފެންބުއިން : ދުވާލަކު މަދުވެގެން 8 ނުވަތަ 10 ތަށި ފެންބުއިން، އަދި ހޫނު ގަދަ ތަންތަނާއި، ބުރަ މަސައްކަތުގައި އުޅޭމީހުން އެއަށްވުރެ ގިނައިން ފެންބޯން ޖެހޭނެއެވެ.
  • ފުދޭވަރަކަށް ކުޑަކަމުދިއުން : ފުދޭވަރަކަށް ފެންބޮވެމުން ދަނީނަމަ، ފުދޭވަރަކަށް ކުޑަކަމުދެވޭނެއެވެ. އޭގެ ސަބަބުން ގުރުދާ އަދި މަސާނާ ސާފުކޮށްދޭނެއެވެ. ކުޑަކަމުދެވުމުގެ އިހްސާސް ވުމާއެކު ލަސްނުކޮށް ކުޑަކަމުދާށެވެ. ކުޑަކަމުދާ ތަކެތި މަސާނާގައި ގިނައިރު ޖަމާވެފައި ހުރުމަކީ އިންފެކްޝަން އަށަގަތުމަށް މަގުފަހިވާ ކަމެކެވެ.
  • ޖިންސީ ގުނަވަން ސާފުތާހިރުކޮށް ބެހެއްޓުމަށް ސަމާލުކަންދިނުން: އެގޮތުން ދެމަފިރިން ގުޅުން ހިންގުމަށްފަހު ވެސް އަވަހަށް ސާފުތާހިރުވުމަކީ މުހިއްމު ކަމކެވެ. އޭގެ ސަބަބުން ކުޑަކަމުދާ ނިޒާމްގެ ތެރެއަށް ވަދެފައިވާ ޖަރާސީމްތައް ނިކުމެސާފުވެއެވެ. އަދި އެވަގުތު ފެންތައްޓެއް ބުއިމަކީވެސް ރަގަޅު ކަމކެވެ.
  • ކުޑަކަމު އަދި ބޮޑުކަމު ދިއުމަށްފަހު ސައިބޯނި ލައިގެން ރަގަޅަށް ދޮވެ ސާފުކޮށް ބެހެއްޓުމަށް ޚާއްޞަ ސަމާލުކަމެއް ދިނުން : ސައިބޯނި ބޭނުންކުރުމުގައި ވަސްގަދަ ބާރުގަދަ ސައިބޯނި ބޭނުން ނުކުރާށެވެ. އަދި ސީދާ ޖިންސީ ގުނަވަން ހިމެނޭ ހިސާބުގައި ސައިބޯނި އުގުޅުމުގެ ބަދަލުގައި އަތުގައި ސައިބޯނި ލާފައި އެހިސާބުގައި އުގުޅާށެވެ. ބޮޑުކަމު ދިއުމަށްފަހު ނުވަތަ ކުޑަކަމުދިއުމަށްފަހު ވެސް ތާހިރުވުމުގައި ރަގަޅުވާނީ ކުރިމަތި ފަރާތުން ފުރަގަސް ފަރާތަށް ވާގޮތަށް ފެން އެޅުމެވެ. އޭގެ ސަބަބުން ބޮޑުކަމުދާ ތަކެތީގައި ހިމެނޭ ޖަރާސީމް ކުރިމަތި ފަރާތަށް އައުން މަދުވާނެއެވެ.
  • ކްރޭން ބެރީ ޖޫސް ބުއިން: މީގެ އިތުރުން ވިޓަމިންސީ އަދި އެހެނިހެން ޖޫސްތައް ބޭނުންކުރުމަކީ ވެސް ކުޑަކަމުދާ ނިޒާމްގައި ޖަރާސީމް އަށަގަތުން މަނާކޮށް ޖަރާސީމް ސާފުކޮށްދޭނެ ކަމެކެވެ.
  • ނައިލޯނު ފޮތިން ފަހާފައި ހުންނަ ޖަގިޔާ ގަޔަށް ބާރުކޮށް ހުންނަ ޖީންސް ފަދަ ތަކެތި ލުމަކީ ކުރިމަތިފަރާތް ދާހިއްލައި އަބަދު ތެމިފައި ހުންނަކަމަކަށް ވުމާޢެކު، އޭގެ ސަބަބުން ކުޑަކަމުދާ ނިޒާމްގައި ޖަރާސީމް އަށަގަތުމަށް އެހީތެރިވެދެއެވެ. ރަގަޅު ގޮތަކީ އުއި ފޮތީގެ ޖަނގިޔާ ލުމާއި އެކު ގަޔަށް ދޫކޮށް ހުންނަ އަންނަ އުނު ބޭނުންކުރުމެވެ.