ކައްޓެޅި (އިނގިރޭސި ބަހުން: Promethichthys prometheus)ނުވަތަ (އިނގިރޭސި ބަހުން: Promethean Escolar) އަކީ އަތޮޅުން ބޭރު މާކަނޑުތަކުގައި ވަރަށް ފުނުގައި އުޅޭ މަހެކެވެ. މިއީ ރާއްޖޭގެ ބައެއް ހިސާބުތަކުން ރޭގަނޑު ފުނަށް ނަނު ފައްތައިގެން ކުރާ ކެޔޮޅު ކަމުގައި ބޭނޭ މަހެކެވެ. މިމަސް ބޭނުމުގައި އެންމެ ފާހަގަ ކުރެވެނީ ޏ. ފުވައްމުލަކު މީހުންނެވެ. އެރަށު މަސްވެރިން ރޭގަނޑު ނަނު ފައްތައިގެން މިމަސް ބާނައިގެން ގަރުދިޔަ ކައްކައިގެން ކާން ބޭނުން ކުރެއެވެ. ބައެއް މީހުން މި މަހުން ރިހަވެސް ކައްކަ އެވެ. މިއީ ކަށި ވަރަށް ގިނަ އެހެނަސް ކާން ވަރަށް މީރު މަހެކެވެ. މިއީ ބާނާފައި ރޮލަށް ހުރުމުން ވަރަށް އަވަހަށް ކުނިވާ މަހެއްކަން ފާހަގަ ކުރެވެއެވެ. ކައްޓެޅި އަކީ ދިގުކޮށް ފަތިކޮށް ހުންނަ މަހެކެވެ. މަހުގެ އަނގަ ބޮޑުވެފައި ކޮޅަށް އޫ ވަރުގަދަ ދަތްތަކެއް ހުރެއެވެ. މަހުގެ ލޯ ބޮޑެވެ. ކަންފަތް ކުރެވެ. މަހުގައި ހުންނަނީ ވަރަށް ތުނި ހުޅުނބު ތަކެކެވެ.

ކައްޓެޅި

މަހުގެ ކުލައަކީ ގަދަ މުށި ކުލައެވެ. މަހުގެ މުޅި ހަށިގަނޑުގައި ވައިލެޓް ދިހުން ކުލައެއް ހުރެއެވެ. އެހެނަސް މަސް މަރުވުމުން، މިކުލަ ފަނޑު މުށިކުލައަކަށް ބަދަލުވެއެވެ. މަހުގެ ބުރަކަށި މަތީ ފުރަތަމަ ކޮތަރިބައިގެ ކަށިތަކުގެ ދޭތެރޭގެ ފުރަތަމަ ދުލިފަށް ހުންނަނީ ކަޅު ކުލައިގައެވެ. އެހެނިހެން ކޮތަރިބައިތައް ހުންނަނީ ކަޅު މުށި ކުލައިގައެވެ. މިމަސް އެންމެ ބޮޑުވަނީ 1 މީޓަރަށެވެ. ނަމަވެސް ގިނައިން ފެނިފައި ހުންނަ އެންމެ ބޮޑެތި މަހުގައި ހުންނަނީ ގާތްގަނޑަކަށް 40 ސެންޓި މީޓަރުއެވެ. ކައްޓެޅި އަކީ އާންމު ގޮތެއްގައި 750-100 މީޓަރާއި ދެމެދުގެ ފުނުގައި އުޅޭ މަހެކެވެ. މަހުގެ ކާނާއަކީ އެކި ޒާތްޒާތުގެ ކުދިމަހާއި، ކަކުނި ފާނޑުގެ ސޫތްޕެވެ.