ކަޅު ރޮނޑު(އިނގިރޭސި ބަހުން: Melichthys niger)ނުވަތަ (އިނގިރޭސި ބަހުން: black triggerfish) އަކީ ރާއްޖޭގެ ފަރުފަޅުތަކުގައި ގިނައިން އުޅޭ މަހެކެވެ. މިމަސް އެންމެ ބޮޑުވަނީ 35 ސެންޓި މީޓަރަށެވެ. މިއީ ދިވެހިން ކެއުމަށް ބޭނުންކޮށް އުޅޭ މީރު މަހެކެވެ. ދުވާލު ނަނުފައްތައިގެން ކުރާ ކެޔޮޅު ކަމުގައި ކުދިބުޅި ބޭނުންކޮށްގެން މިބާވަތުގެ ރޮނޑު ބޭނެއެވެ. މިއީ ދިވެހިންގެ ތެރޭގައި މަޝްހޫރު މަހެކެވެ. މިއީ ކުލަވަރުގެ ގޮތުން ހިންދުކަޅު ރޮނޑުއާއި ވަރަށް އެއްގޮތް އެއްސަރަހައްދުގައި އުޅޭ މަހެކެވެ. މިއީ ވެސް ދިރޭ ކުދިމަހުގެ ވިޔަފާރީގައި ރާއްޖޭއިން ގިނައަދަދަކަށް ބޭރުކުރެވޭ ބާވަތެކެވެ.

ކަޅު ރޮނޑު

ކަޅު ރޮނޑުގެ ބުރަކަށިމަތީ ކޮތަރިބައިގައި 3 ހަރުކައްޓާއެކު 32 އާއި 35އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގައި 28 އާއި 31 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. މަހުގެ ކަންފަތް ގަނޑުގައި 15 އާއި 17 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. އާންމުގޮތެއްގައި ހުންނަނީ 16 މަޑުކައްޓެވެ. މަހުގެ ނިގޫފަތުގެ ކައިރިފަށް ހުންނަނީ ވަށްކޮށެވެ. އަދި ބައެއް ފަހަރު އެއްވަރަކަށް ކަނޑާލާފައި ހުންނަ ކަހަލަގޮތަކަށް ވެސް ހުރެއެވެ. ނިގޫކޮޅުގައި ކަށިހުޅުނބު ރޮނގުތައް ފާޅުކޮށް ފެންނާން ހުރެއެވެ. މަހުގެ ކުލައަކީ ކަޅުކުލައެވެ. ފެހިކުލައާ އެކުވެފައި ހުންނަ ގަދަނޫ ކުލައެއްގައި ވެސް ހުރެއެވެ. މަޑު ކޮތަރިބައިގެ ބުޑު ދަށުގައި ހުދާއި ނޫކުލައިގެ ރޮނގުތަކެއް ހުރެއެވެ. މިބާވަތުގެ ރޮނޑު އާންމުގޮތެއްގައި ކައިއުޅެނީ އަޑީގައި ހުންނަ ފެއްސާއި، ކުދި ފަނިފަކުސަ އެވެ.