ކަޅަލި ބިބީ (ސައިންޓިފިކް ނަން: Chaetodon melannotus)ނުވަތަ (އިނގިރޭސި ބަހުން: blackbacked butterflyfish)އަކީ ރާއްޖޭގެ ފަރުފަޅުތަކުގައި ގިނައިން އުޅޭ މަހެކެވެ. މިމަސް ވިލުވިލާއި ފަރުގެ ތިލަ ހިސާބުތަކުގައި ހުންނަ މުރަކަތަކުގެ ތެރޭގައި ވެސް އުޅެއެވެ. މިއީ ދިވެހިން ކެއުމަށް ބޭނުންކުރާ މަހެއް ނޫނެވެ. މިމަހަށް ދިވެހިންގެ ތެރޭގައި ކިޔާ ވަކި ޚާއްޞަ ނަމެއް ނެތުމާއެކު، މިމަހުގައި އެންމެ ތަފާތު ގޮތަކަށް ހުންނަ ސިފައަކީ ބުރަކަށި މަތި ވަރަށް ކަޅުވެފައި، މަހުގެ ދެފަރާތް އަލިކޮށް ހުރުން ކަމަށްވުމާއެކު، މިމަހަށް ކަޅަލި ބިބީ ކިޔާފައި ވަނީ އެވެ. ކަޅަލި ބިބީ އަކީ މަޑު މުރަކަ ކައިއުޅޭ މަހެއް ކަމުން ގިނައިން ފެންނަނީ މަޑުމުރަކަ ހުންނަ ހިސާބުތަކުން ޖޯޑްޖޯޑަށް އުޅެނިކޮށެވެ. ނަމަވެސް އެކަހެރިކޮށްނާއި ކުދި އައިން ހަދައިގެންވެސް މިމަސް އުޅޭތަން ފެނެއެވެ.

ކަޅަލި ބިބީ

ކަޅަލި ބިބީ އަކީ ވަރަށް ރީތި ކުރެހުންތަކެއް އަޅާފައި ހުންނަ މަހެކެވެ. މަހުގެ ވަށައިގެން ހުންނަނީ ވަރަށް ރީތި ރީނދޫ ކުލައެކެވެ. މަހުގެ ލޯ ހުރަސްކޮށް ކަޅުކުލައިގެ ފުޅާ ރޮނގެއް ހުރެއެވެ. މަހުގެ ބަނޑުދަށް ފަރާތު ކޮތަރިބައިގެ ކުރީކޮޅުން ބަނޑުދަށް ފަރާތުގައި ކަޅުކުލައިގެ ވަށްލަފެއް ހުރެއެވެ. އަދި މަހުގެ ބުރަކަށިމަތީގައި ކަޅުކޮށް ހަނދުފަޅި ބުރަށް ހުންނަ ބައެއް ވަރަށް ފާޅުކޮށް ފެންނަން ހުރެއެވެ. މަހުގެ ހުދު ދެއަރިމަތީގައި ކަޅުކުލައިގެ ރޮނގުތަކެއް ހުރެއެވެ.

މަހުގެ ބުރަކަށިމަތީ ކޮަތަރިބައިގައި 12 ވަރަށް މަދުން 13 ހަރުކައްޓާއެކު 18 އާއި 20 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގައި ހަރުކޮށް ހުންނަ 3 ކައްޓާއެކު 16 އާއި 18 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. ކަންފަތުގައި 14 ނުވަތަ 15 މަޑުކަށި ހުރެއެވެ. މިމަސް 6 އިންޗި އަށް ބޮޑުވާ ކަމަށް ވެއެވެ.