ބާރަށް (ހއ. އަތޮޅު)

ދިވެހިރާއްޖޭގެ ރަށެއް

(ލިޔުނީ-މުހަންމަދު ޝާމިނު/މެޓް)

Baarah
ބާރަށް
Island
ބާރަށް (ހއ. އަތޮޅު) is located in Maldives
Baarah
Baarah
Location in Maldives
Coordinates: 6°49′8″N 73°12′30″E / 6.81889°N 73.20833°E / 6.81889; 73.20833Coordinates: 6°49′8″N 73°12′30″E / 6.81889°N 73.20833°E / 6.81889; 73.20833
ޤައުމުދިވެހިރާއްޖެ
Geographic atollThiladhunmathi Atoll
Administrative atollHaa Alif Atoll
Government
 • CouncilBaarah Island Council
Dimensions
 • ދިގުމިން2.4 km (1.5 mi)
 • ފުޅާމިން1.5 km (0.9 mi)
Population (2006)
 • Total1,203
Time zoneMST (UTC+05:00)
Area code(s)650, 20

.ތިލަދުންމަތީ އުތުރުބުރީ ބާރަށަކީ އަތޮޅުގައި މިހާރު މީހުން ދިރިއުޅޭ 14 ރަށުގެ ތެރެއިން 14 ވަނަ ރަށެވެ. ތިލަދުންމަތީ އުތުރުބުރީ ބާރަށް އޮންނަނީ ބާރަށު މެދުން ފިއްލަދުއަށް 17 ޑިގްރީގައެވެ. ހަނިމާދޫ ކޮޅުން ބާރަށު ކޮޅަށް 213 ޑިގްރީގައެވެ. ލެޓިޓިއުޑް ( އީސްޓް ) 7312.442 ލޮންގި ޓިއުޑް 76.49.91 ( ނޯތު ) ގައެވެ. ރަށުގެ ބޮޑުމިނުގައި 249 ހެކްޓަރ ހުރެއެވެ. މިރަށަށް ދެވިފައިވާ އަކުރަކީ A-16 އެވެ. މިރަށާއި އެންމެ ކައިރިއަށް މީހުން ދިރިއުޅޭ ރަށަކީ ރަށުގެ އުތުރުން ހއ. ފިއްލަދުއެވެ. ދެކުނުނުން ހދ. ހަނިމާދުއެވެ. ރަށުގެ ހުޅަނގު ފަރާތުން ހއ. މުރައިދުއެވެ. ރަށާއި އެންމެ ކައިރީގައި އޮންނަ ފަޅުރަށަކީ ހއ. މާފައްސެވެ. ބާރަށުން ފިއްލަދުއަށް ދިއުމަށް ނަގަނީ 45 މިނިޓް ކަމަށާއި، ހދ. ހަނިމާދޫން ބާރަށަށް 30 މިނިޓް ނަގާކަމަށާއި، މުރައިދުއަށް ދިއުމަށް ނަގަނީ 15 މިނިޓެވެ. އަދި މާފައްސަށް ދިއުމަށްވެސް ނަގަނީ 15 މިނިޓެވެ. ރަށުގެ ފަޅު މަޑުވެ ވަދެނުކުރުމަށް ފަސޭހަކަމުގެ ގޮތުން މިރަށް ވަނީ މަޝްހޫރު ރަށަކަށް ވެފައެވެ.

މިރަށަކީ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން ޤުދުރަތީ ގޮތުން ވަރަށް ހިތްގައިމު ރީތި މާހައުލަކާއި، ހިތްފަސޭހަ ވެއްޓެއް އޮންނަ އަދި ވަރަށް ރައްކާތެރި ލަފާފުރަން ފަސޭހަ ފަޅެއް އެކުލެވިގެންވާ، ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ މީހުން ވަޒަންވެރި ވީއްސުރެން މީހުން އާބާދުވެ ދިރިއުޅެމުންދާ ރަށަކަށްވުމާއި، ރަށުގެ މީހުންނަކީ އެމީހުންގެ އަމިއްލަ މަސައްކަތުން ހައްދާ ގޮވާމުގެ ބާއްވަތްތަކާއި، ރާވެރިކަމާއި ، މަސްވެރިކަމުގެ މަސައްކަތުން ކައިބޮއި އުޅެމުންއައި ރައްޔިތަކު ދިރިއުޅޭ ރަށަކަށްވުމާއި، އަދި އަމިއްލަ މަސައްކަތުން އޮޑިދޯނި ފަހަރު ބަނުމާއި، ގެދޮރު ޢިމާރާތްކުރުމާއި، އަތްތެރިމަސައްކަތާއި، ހިރިގަލާއި ވެލިގަލުގެ މަސައްކަތްކޮށް އުޅޭ ބަޔަކަށް ވުމާއި، މީގެ އިތުރުން ދިވެހިރާއްޖެ ޕޯޗްގީޒުންގެ އަޅުވެތިކަމުން ސަލާމަތް ކުރެއްވުމަށް އުތީމު ބަންޑާރައިން ބެންނެވި ކަޅުއޮށްފުންމި ބެންނެވި ރަށަކަށްވުމާއި، ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ވިޔަޒޯރު އަތޮޅުވެރިކަން ކުރެއްވި ރަށަށްވުމާއި، ދިވެހިރާއްޖޭގައި އޮތް އެންމެ ބޮޑު ކަނޑޫފާ އޮތް ރަށަކީވެސް މިރަށަށްވުމާއި، އަދި ތާރީޚީ ގޮތުން މުހިންމު ތަންތަނާއި، ގިނަ ހާދިޞާ ތަކެއް ހިނގާ މިހާރުވެސް އެފަދަ ތަންތަން ފެންނަން ހުރި ރަށެކެވެ.

ތިލަދުންމަތީ އުތުރުބުރީ ބާރަށަކީ އޮތޮޅުގައި މިހާރު މީހުންއުޅޭ 14 ރަށުގެ ތެރެއިން އާބާދީގެ ގޮތުން ބޮޑު 05 ވަނަ ރަށެވެ. މިރަށުގެ އާބާދީއަކީ 2012 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް 1891 އެވެ. އެއީ 945 އަންހެނުންނާއި، 946 ފިރިހެނުންނެވެ. o ރަށުގެ ހިސްޓްރީ:

1. ބައު ހުކުރު މިސްކިތް މިމިސްކިތަކީ ވެލިގަލާއި، އުވަ ބޭނުންކޮށްގެން ހަދާފައިވާ ތާރީޚް ނޭނގޭ ޒަމާންވީ މިސްކިތެކެވެ. މިމިސްކިތުގެ އުތުރު ފަރާތު ފެންޑާގެ ހުޅަނގުގައި މުޙަންމަދު ތަކުރުފާނު ނަމާދުކުރެއްވުމަށް ޚާއްސަ ކުރެވިފައިވާ ތަނެއް އެބަހުއްޓެއެވެ. މިތަނުގެ މަތީގައި އެޒަމާނުގައި ވަނީ ސަނދުވާ ދަމާ ޒީނަތްތެރި ކޮށްފައެވެ. މިމިސްކިތުގެ އުތުރު ފަރާތުގައި ވެލިގަލާ އުވަ ބޭނުންކޮށްގެން ހަދާފައިވާ 15 ފޫޓުގެ އުސްމިނުގެ މުންނާރެއް ހުރެއެވެ. އަދި އިރު އުތުރުގައި ވެލިގަލުގެ ޒަމާންވީ ވަޅެއް ހުރެއެވެ.އަދި މިސްކިތުގެ އުތުރު ފަރާތުގައި ފޮރުވާލެވިފައިވާ ފެންވަރާ ވެވެއް އެބައޮތެވެ. މިމިސްކިތް މިގޮތަށް ބެހެއްޓުމަށްޓަކާ ރައްޔިތު ފެންވަރުގައި އެކިފަހަރު މަތިން ޓިނު ބަދަލުކުރެއްވި އަދި މިހާރުވަނީ ދިވެހިބަހާ ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ ފަރާތުން މިމިސްކިތުގެ އަސްލު ނުގެއްލޭ ގޮތަށް މޮޅު ޓިނުޖަހާ މަތިވަޑާންގަނޑު ބަދަލުކޮށް ރީތިކޮށް ހަދާފައެވެ. އަދި މުންނާރާއި، ޒަމާންވީ ވަޅުވެސް ވަނީ މަރާމަތުކޮށް ރަނގަޅުކުރެވިފައެވެ.

2. މިރަށުގައި ކަޅުއޮށްފުންމި ބެންނެވުން އުތީމު މުޙަންމަދު ތަކުރު ފާނު ޕޯޗުގީޒު ލަސްކަރާ ޖިހާދު ކުރެއްވުމަށް ބެންނެވި އޮޑިކޮޅު ( ކަޅުއޮށްފުންމި ) ބަންނަވާފައިވަނީ މިރަށުގައެވެ. މިއޮޑިކޮޅު ބެންނެވި އޮޑިވަޅާއި، ހަރުގެ އެޅުއްވުމަށް ޖެއްސެވި ނިކަމުޑިތައް ރޯވެ މިހާރުވެސް އެތަނުގައި ފެންނަށް އެބަހުއްޓެވެ. އަދި އެބޭފުޅުން މިއޮޑި ކޮޅު ބެންނެވުމަށް ހަރުގެ އެޅުއްވެވިއިރު މާތްﷲގެ ވާގިފުޅުން އެބޭފުޅުންނަށް ދެއްވި ބަރަކާތެއް ކަމަށް ބުނެވޭ އަރިފަނުން ވާރޭ ހިޔާވުން ހަމައެކަނި ލިބިފައިވާ ރަށަކީވެސް މިރަށަށްވުން ޚާއްޞަ ގޮތެއްގައި މިހާރުވެސް ފާހަގަ ކުރެވެއެވެ.

3. ބާރަށުގައި ހުރި ކަޅުއޮށްފުންމި ބެންނެވި މަގާއި، އެމަގުގައިހުރި 2 ވަޅު މިދެވަޅުކޮޅަކީ ކަޅުއޮށްފުންމި ބެންނެވިއިރު ދެލިއުނބަށް ފެންޖެއްސެވުމަށާއި، އަދިވެސް އެކަމާއި ގުޅޭ ކަންކަމަށް ފެންބޭނުންކުރެއްވި ދެ ވަޅުކޮޅެއެވެ. މިދެވަޅުކޮޅު ހަދާފައިވަނީ ވެލިގަލާއި، އުވަ ބޭނުންކޮށް، ފެނާ ހަމާގައި ޅޮސް ( ލަކުޑިއެއް ) ބޭނުންކޮށްގެންނެވެ މިދެވަޅުންކުރެ އިރުމަތީގައި ހުރި ވަޅުގައި ކަޅުއޮށްފުންމިއަށް ބޭނުންވާ މަދަނާ، ދެލި ފުނޑުއްވި ކަޅުހިލަދައި މިހާރުވެސް އެބައޮތެވެ. މިމަގުގެ ދެފަރާތުގައި ކަޅުއޮށްފުންމި ބެންނެވިއިރު ހަރުގެ އެޅުމަށް ދެފަރާތުގައި ޖެއްސެވި ނިކަމުޑިތައް ރޯވެ ބޮޑެތި ގަސްގަހަށްވެ އަދިވެސް އެގަސްތައް އެމަގުގެ ދެފަރާތުގައި މިހާރުވެސް އެބަހުއްޓެވެ. އަދި ކަޅުއޮށްފުންމި ބެންނެވިއިރު ވަޅުލެއްވުމަށް ކޮންނަވާ ނެންގެވި ފަސްގަނޑު މަގުގެ އުތުރު ފަރާތުގައި އެބައޮތެވެ. މިދެވަޅުކޮޅު މިގޮތަށް ބެހެއްޓުމަށްޓަކާއި ރައްޔިތު ފެންވަރުގައި މިމަގު ކުނިކަހާ ސާފުތާހިރުކޮށް ދޭތެރެ ދޭތެރެއިން ވަޅުދިޔަ ހިއްކާ ހަދައެވެ. އަދި ސަރުކާރުން މިހާރު ދެފަހަރެއްގެ މަތީން އެދެވަޅު ވަށައިގެން ފޫޓު ފާރުލާ، އެތަނަށް ވަދެ ނުކުތުމަށް ދޮރުލައިފައިވެއެވެ.

4. ބާރަށުގައި އޮންނަ ކަމަނާމަގު މި މަގަކީ ޢީދު ކުޅިވަރު ކުޅުނު ދުވަހު މުޙަންމަދު ތަކުރުފާނު ބޮލަށް ގޮންޖެއްސެވި ބާރަށު ބޯށިވަލު ބުޅާފާޠިމާގެ ރެހެންދި ގޮއްޔެ ގޮވައިގެން އިރުމަތި ފުއްޓަރު ފަރާތަށް ގެންދިއަ މަގެވެ. ( މިފުއްޓަރު ފަރާތުން އެކަކު އަނެކަކަށް ލޯބިވެ ކައިވެނި ކުރުމަށް އެއްބަސްވެގެންނެވެ. ) އަދި މި މަގަކީ ސިއްތިމާވާ ރަނިކިލެގެފާނު ބަލިވެގެން ކިޔަވާ ގެއެއް އަޅާ ކިޔެވެލި ކިޔެވި މަގެވެ. އަދި މިކިޔެވެލި ކިޔެވިއިރު ފެން ނެންގެވުމަށް ބޭނުންކުރެއްވި ވަޅުކޮޅުވެސް މިމަގުގެ ދެކުނު ފަރާތު ފުއްޓަރާ ކައިރީގައި ފޮރުވާލެވިފައި އެބަހުއްޓެވެ. މިމަގު މިގޮތަށް ބެލެހެއްޓުމަށްޓަކާ ރައްޔިތު ފެންވަރުގައި މިމަގު ދެފަރާތުގައިވަނީ ދިވެހި ރުއް އިންދާފައެވެ. އަދި ދޭތެރެ ދޭތެރެއިން ރައްޔިތުން ނުކުމެ ކޮށާ އަލިކޮށް އަންހެނުން ކުނިކަހާ ހަދަމުން ދެއެވެ.

5. ބާރަށު ކަމަނާމަގުގެ ދެކުނު ފަރާތުގައި ހުންނަ ވަޅު މި ވަޅަކީ މުޙަންމަދު ތަކުރުފާނުގެ އަނބި ކަނބަލުން ސިއްތިމާވާ ރަނިކިލެގެ ފާނު ވަރަށް ބޮޑަށް އާލާސްކަންފުޅެއް ޖެހިވަޑައިގެން އެކަމުން ސަލާމަތް ކުރައްވާތޯ ފުއްޓަރު ފަރާތުގައި ކިޔެވެލި ކިޔެވިއިރު ފެންބޭނުން ކުރެއްވުމަށް ކޮންނެވި ވަޅެވެ.

6. ބާރަށުގައި އޮންނަ ކަމަނާއޮޅު މިކަމަނާ އޮޅަކީ އުތީމު މުޙަންމަދު ތަކުރުފާނުގެ ބޮލަށް ޢީދު ގޮންޖެހި ދުވަހު ބާރަށު ބުޅާފާޠިމާ ( ރެހެންދި ގޮއްޔެ ) މުޙަންމަދު ތަކުރުފާނު ކޮނޑަށް ލައިގެން މިރަށު ފުއްޓަރު ފަރާތަށްގޮސް ވާހަކަ ދައްކަން ރާޅުގަނޑު ތެރެއަށް އެރިހުރި ދިމާލެވެ. މިތަން މިހާރުވެސް އޮޅެއްގެ ސިފާގައި އަބަދުވެސް ރާޅާއި، އޮއިވަރު މަޑުތަނެއްގެ ގޮތުގައި ފާހަގަ ކުރެވެއެވެ.


7. ބާރަށުގައި އޮންނަ ޢީދުކުޅޭ މަގު މިމަގަކީ ޕޯޗުގީޒު ވެރިކަމުގައި ބާރަށުގައި ވިޔަޒޯރު އަތޮޅުވެރިކަން ކުރިއިރު ޢީދު ކުޅިވަރުގެ އެންމެހާ ކަންތައްތައް ބާއްވަވާ މަގެވެ. މިމަގުގެ މިގޮތަށް ބޭއްވުމަށްޓަކާ ރައްޔިތު ފެންވަރުގައި ކުނިކަހާ ސާފުކުރަމުން ގެންދެއެވެ. މި މިގު މިހާރުވެސް ފެންނަށް އެބައޮތެވެ.

8. ބާރަށު އިރުމަތި ފުއްޓަރު ފަރާތުގައި ހުރި ތިންބެރެބެދި މި ތިންބެރެބެއްޖަކީ އުތީމު ޙަސަން ތަކުރުފާނުގެ ފަހަވެރި ކަމަނާ ( ބާރަށު ރެހެންދި ގޮއްޔެ ) މަލިކަށް ގެންދެވުމަށް ރޭގަނޑު ދަންވަރު ކަޅުއޮށްފުންމީގައި ޙަސަންތަކުރުފާނު އައިސް ފުއްޓަރު ފަރާތު އިރު ދެކުނުގައި މަޑުކުރައްވާ ފަހަވެރި ކަމަނާ ގޮވައިގެން ފުރި ދިމާލެވެ. މިކަމަނާ ގޮވައިގެން ދަމުން ދިއައީ ބާރަށުގައި ވިޔަޒޯރު އަތޮޅުވެރިކަން ކުރަން އަޅާފައިހުރި އަތޮޅުގެ ( ވާރުގެ ) ވައްޓާލާ ކަޅުއޮށްފުންމި ހޯދުމަށް ފަހަތުންނާދެވޭގޮތަށް ބާރަށު ފަޅުގައި އަޅާފައިހުރި އޮޑިފަހަރުގެ ވާކަރާވެލި ބަދަލުކޮށް ތަރުތީބު އޮޅުވާލާފައެވެ. އަދި، މިވާރުގެ ހުރިތަންތަންކަމަށް ބުނާ ސާރަޙައްދު މިހާރުވެސް އެނގެން އެބައޮތެވެ. މިތިންބެރެބެދި ހުރިތަނަކީ ރަށުގެ މީހުން އުޅޭ ހިސާބާ ވަރަށް ދުރުގައިވާ ތަނެކެވެ. މި ތިންބެރެބެދިގަސް މިހާރުވެސް އެތަނުގައި ފެންނަން އެބަހުއްޓެވެ.

9. ބާރަށުގައި އޮންނަ ކަނބާ ޢާއިޝާގެ މަހާނަ މި ކަމާފާނަކީ ޢަލީ ރަސްގެފާނުގެ ދޮށީ އަނބިކަނބަލުން އަދި ސިއްތިމާވާ ރަނިކިލެގެފާނުގެ މަންމާފުޅެވެ. އަދި މުޙަންމަދު ތަކުރުފާނުގެ މައިދައިތާފުޅެވެ. މިކަމަނާ ޝަހީދުކޮށްލެއްވީ ބާރަށުގައި ކަމަށްވާތީ، ބާރަށު އަޘާރީ މިސްކިތު ގަބުރުސްތާނުގެ ހުޅަނގު އުތުރު ފަރާތުގައި ވަޅުލައްވާފައިވާ މަހާނަ މިހާރުވެސް ފެންނަން އެބައޮތެވެ. ކުރީޒަމާނުގައި އެމަހާނާގައި ޒިޔާރަތްހެދި މަތިހިޔާކޮށްފައިވެއެވެ. އެތަން ހަދާފައިހުރީ ވެލިގައު ބޭނުންކޮށް މަތީގައި އީޓު ޖަހާފައެވެ. އަދި ކަނބާ ޢާއިޝާ ޝަހީދު ކޮށްލެއްވި ދުވަހު މަރާލެވުނު ތުއްފާށަނާގެ ގަބުރުވެސް ވަނީ ބާރަށުގައެވެ. ނަމަވެސް މިގަބުރު އޮތްތަނެއް ކަނޑައެޅިގެން އެނގޭކަށް ނެތެއެވެ. ތުއްފާށަނާއަކީ މީދޫ ތަކުރުގެ ދަރިއެކެވެ.

10. ބާރަށަކީ މިނިރީތިކަމުގެ ގޮތުންވެސް ފާހަގަ ކޮށްލެވޭ މަޝްހޫރު ރަށެއް

ދިވެހިރާއްޖެ މިހާތަނަށް އާއިރު ރީތީގެ ރާނީން ހޮވުމުގެ މުބާރާތެއް ބޭއްވިފައިވަނީ އެއް ފަހަރުއެވެ. މިފަހަރުގެ މި މުބާރާތުގެ ރީތީގެ ރާނީގެ ތާޖު ލިބިފައިވަނީ ބާރަށު ބުލްބުލާގޭ އަލްމަރުޙޫމު ޢަޙްމަދު ޢަލީ އާއި އަލްމަރުޙޫމާ ޙައްވާ ޙުސައިންގެ ދަރި އަލްފާޟިލާ ރަމްލާ އަޙްމަދަށެވެ. ދިވެހިރާއްޖެ މިހާތަނަށް އާއިރުވެސް މިރީތީގެ ރާނީގެ މަޤާމުގައި މިއަދާ ހަމައަށްވެސް ހުރީ މި ރަމްލާ އަޙްމަދުއެވެ. މި ރަމްލާ އަޙްމަދު މިހާރުވެސް ދުނިޔޭގައި އެބަހުއްޓެވެ. ރަށުން ބޭރުން މިރަށަށް ޒިޔާރަތްކުރާ މެހެމާނުން މިރީތީގެ ރާނީ ދެކެލުމަށާއި ފޮޓޯ ނެންގެވުމަށް ގިނަ ޢަދަދަކަށް ޒިޔާރަތް ކުރުން މިހާރުވެސް ވަނީ މަޝްހޫރުވެފައެވެ. {{ގ}