ރިތް މަސް(ސައިންޓިފިކް ނަން: Decapterus macarellus)ނުވަތަ (އިނގިރޭސި ބަހުން: Mackerel scad އަކީ ރާއްޖޭގެ އެތެރެވަރީގެ ކަނޑުތަކުގައްޔާއި، ފުންވިލު ވިލުގައި ވަރަށް ގިނައިން އުޅޭ މަހެކެވެ. ރިތްމަސް އާއްމުކޮށް އުޅެނީ ބޮޑެތި އައިން ހަދައިގެންނެވެ. ރަށްރަށުގެ ފަޅުފަޅަށް ވަދެއުޅޭ ރިތް މަސް ގަނޑު ދާއަޅައިގެން ވެސް ރާއްޖޭގެ ބައެއް ހިސާބުތަކުން ހިފާއުޅެއެވެ. މިއީ ދިވެހިން ކެއުމަށް ބޭނުންކޮށް އުޅޭ ވަރަށް ކަށި ގިނަ މަހެކެވެ. މިމަސް އެންމެ ބޮޑުވަނީ 32 ސެންޓި މީޓަރަށެވެ.

ރިތް މަސް

ރިތް މަސް އަކީ ދިގުކޮށް ވަށްކޮށް ހުންނަ މަހެކެވެ. މަހުގެ ކަރުތާ ފަތްގަނޑުގެ ތިރިން ބަނޑުދަށް ފަރާތުގައި ހުންނަ ކޮތަރިބައި މަހުގެ ކަންފަތްގަނޑަށްވުރެ ކުރުވާނެއެވެ. މަހުގެ ނިގޫފަތާ ދިމާލުން މަހުގެ މަތީބައިގައްޔާއި ބަނޑުދަށް ފަރާތުގައި ވަކިވަކިން ހުންނަ ކުދި ކޮތަރިބައެއް ހުރެއެވެ. ނިގޫކޮޅާއި ދިމާގައި ދިގުކޮށް ހުންނަ ކުރަގަނޑެއް ހުރެއެވެ. މަހުގެ މަތީބައިގެ ކުލައަކީ ނޫކުލައަކަށްދާ ފެހިކުލައެކެވެ. ބަނޑުދަށް ފަރާތުގެ ކުލައަކީ ރިހިކުލަ އެވެ. މަހުގެ ކަރުތާ ފަތްގަނޑުގެ ކަނުގައި ކަޅުކުލައިގެ ލަފެއް ވަރަށް ސާފުކޮށް ފެންނަން ހުރެއެވެ. ނިގޫފަތުގެ ކުލައަކީ ރީނދޫ ކުލައަކަށް ދާ ފެހިކުލަ އެކެވެ. ބަނޑުދަށް ފަރާތުގެ ކޮތަރިބައިގެ ކުލައަކީ ހުދު ކުލައެވެ. މަހުގެ ބުރަކަށި މަތީ ފުރަތަމަ ކޮތަރިބައިގައި ހަރު 8 ކަށި ހުރެއެވެ. ދެވަނަ ކޮތަރިބައިގައި ހަމަ އެކަހަލަ 1 ކައްޓާއެކު 31 އާއި 37 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގައި ވަކިން ހުންނަ 2 ހަރުކައްޓަށްފަހު، އިތުރު 1 ހަރުކައްޓާއި، 27 އާއި 31 އާއި ދެމެދުގެ އަދަދަަކަށް މަޑުކަށި ހުރެއެވެ.